04 Apr 2022, 16:27
ރޯދަމަސް ފެށިގެން ތިން ވަނަ ދުވަސް ފާއިތުވަމުން ދާއިރު ބާޒާރުގައި އެންމެ ތަދު ކަމަށް ފާހަގަވާ ލުނބޯގެ އަގު އަދިވެސް ހެޔޮވާ ގޮތެއް ވަނީ ނުވެފައެވެ.
މުލަ ރޯދަ ދުވަހާ އަޅާ ބަލާއިރު ބާޒާރުގައި ލުނބޯގެ އަގު އަދިވެސް ހުރީ ހިފެހެެއްޓިފައެވެ. އެގޮތުން ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 100ރުފިޔާއާއި، 120ރުފިޔާއާ ދެމެދުގައެވެ.
ނަމަވެސް، ބާޒާރުގައި ކުރިއަށްވުރެ، މިހާރު ލުނބޯ ތިޔާގިކަން ފާހަގަކުރެވެއެވެ. އިއްޔެ ވިއެޓްނާމުން އައި ލުނބޯގެ ޝިޕްމަންޓާއެކު އޭގެ އަގު ވެއްޓޭނެ ކަމަށް ބެލެވުނު ނަމަވެސް، ވިޔަފާރިވެރިން ބުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ލުނބޯ ވިކި ހުސްވެއްޖެކަމަށެވެ. ދެން، ލުނބޯ ލިބޭނީ މާދަމާ ކަމަށް ވެސް އެ މީހުން ބުނެއެވެ.
މިހާރު ބާޒާރުގައި އެންމެ ގިނައީ ލަންކާއިން އެތެރެކުރި ލުުނބޮލެވެ. ވިއެޓްނާމް ލުނބޯއާ އަޅާބަލާއިރު އޭގެ ކޮލިޓީ ދަށްކަަމަށް ބާޒާރުކުރަންދާ މީހުން ބުނެއެވެ.
މީގެ އިތުރުން ބަންގްލަދޭޝުން އެތެރެކުރި ލުނބޯ ވެސް މާރުކޭޓުގައި ލިބެން އެބަހުއްޓެވެ. ނަމަވެސް، އެ ލުނބޯގެ ހަރުކަމާއެކު، ދިޔަ ފެލާލަން އުނދަގޫކަމުން ދިވެހީންގެ މެދުގައި މާ މަގުބޫލު ބާވަތަކަށް ނުވިއެވެ.
ބާޒާރުގައި ދެން އެންމެ މައްޗަށް އަގު ދިޔަ އަނެއް ބާވަތަކީ ގިތެޔޮ މިރުހެވެ. ސަތޭކަ ގުރާމް މިރުސް ބާޒާރުގައި މިހާރު ލިބެން ހުރީ 65 ރުފިޔާއާއި 85 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ވިޔަފާރިވެރިން ލަފާކުރަނީ މި އަގުގައި ރޯދަމަސް ނިމެންދެން މިރުސް ހިފެހެއްޓިފައި ހުންނާނެކަމަށެވެ.
ރޯދަމަހުގައި އެންމެ ޑިމާންޑު މަތިވާ ބާވަތްތަކުގެ ތެރެއިން، ކަރާ ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާގައި ހިފެހެއްޓިފައެވެ. ދިވެހި އަނބު ކިލޯއެއް 75 ރުފިޔާއަށް ހުރި އިރު، ފަޅޯ ކިލޯއެއް އުޅެނީ 55 ރުފިޔާއަށެވެ. ޖުމްހޫރީމޭވާ ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށެވެ. ފާގަ ކިލޯއެއް ލިބެނީ 55 ރުފިޔާއަށެވެ.
ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު ކުއްޅަފިލާފަތް ބޮނޑިއެއް 15 ރުފިޔާއަށް ލިބޭ އިރު، ލެޓިއުސް ކިލޯއެއް ލިބެނީ 35 ރުފިޔާއަށެވެ. އަދި ކޮޕީފަތް ބޮނޑިއެއް ލިބެނީ 10 ރުފިޔާއަށެވެ.
މަސް ފެށުމުގެ ކުރިން ހުރި އަގުތަކާ އަޅާބަލާއިރު، ގިނަ ބާވަތްތަކުގެ އަގުތައް ހިފެހެއްޓިފައި ހުރިކަން ފާހަގަކުރެވެއެވެ.