08 Apr 2022, 10:08
"ބަލިކަށިވެފައިވާ ހިތްތަކުގެ ފަރުވާއަކީ ޤުރުއާނެވެ. ސުވާލުތަކުގެ ޖަވާބު ލިބެއެވެ. ޝައްކުތަކާއި ވަހުމްތައް ފިލުވައެވެ. ޖަޒުބާތީ ކަންތައްތަކުން އެރުމުގައި އެހީތެރިވެދެއެވެ. މާފުކުރަން އެހީވެދެއެވެ."
***
ހާރިސް އޭނަގެ ކާރު ޕާކްކޮށްލާފައި ފޭބުމަށްފަހު ގެއާއި ދިމާލަށް ހިނގައިގަތެވެ. ޖެހިގެން ހުރި ގޭގެ ބެލްކަނީގައި ހުރެ އަންހެންކުއްޖަކު ބަލަމުންދާކަމުގެ އިހުސާސްކުރެވުމުން އަވަހަށް މޫނާއިއެކު ސްކާފް އަޅާ ނިވާކޮށްލިއެވެ. މަޑުމަޑު ހިނގުމެއްގައިގޮސް ގެއަށް ވަންނަން ހުރި ފަތްތަރުމަތިން ކޮންމެވެސް މީހެއްގެ ގައިގާ އަޅައިގަތެވެ.
"ޑޭމް......"މުށިކުލައިގެ ކޯޓްލައިގެން ހުރި އަސްލަން ހާރިސްއަށް ބަލައިލީ ފޫހިކަމުގެ ނަޒަރަކުންނެވެ." ހޫ ދަ ހެލް އާ ޔޫ....."
ހާރިސް އާއި އަސްލަންގެ ނަޒަރު ބައްދަލުވިނަމަވެސް ކަޅު އައިނުގެ ސަބަބުން ހާރިސްގެ މޫނުގެ ޝުއޫރުތައް ނޭގުނުތާގައި ބަހެއް ބުނާކަށްވެސް ނޫޅުނެވެ. އޭނަ ދާން ހިނގައިގަތުމުން އަސްލަންގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނަގެ ހެދުމުގައި ހިފާ ދަމައިގަންނަން ގޮށްމުށްކެވުނު އަތް ހަރަކާތްކޮށްލާފައިވެސް އަތް ކޯޓުގެ ޖީބަށް ޖަހާލައިފިއެވެ. އަސްލަން މިގެއަށް އައުމުން އިތުރަށް ތަބީއަތު ގޯސްވުން ނޫންކަމެއް ނުވިއެވެ. ސިއާރާ ފާޅުގައި އޭނައާއި ކައިވެނި ކުރަން ދެކޮޅު ހަދައިފިއެވެ.
މިވީހާތަނަށް އަންހެންކުއްޖެއްގެ ފަރާތުން ކުރިމަތިވި ފުރަތަމަ ޗެލެންޖްކަމުން އޭނަގެ ހިތުގައި ލޯތްބެއް ނެތަސް ސިއާރާ ހާސިލްކުރުމުގެ އެދުން ހިނގައިގަތެވެ. އޭނައަށް ދުވަހަކު އަންހެންކުއްޖަކު މި ނޫނީ ނޫނެކޭ ބުނެފައެއް ނެތެވެ.
ސިއާރާ. ޔޫ ވިލް ރިގްރެޓް ދިސް.....ސީރިޔަސްލީ.."
***
ހިތް ބަދަލުކުރަންވެގެން ކުރެވުނު އޮޕަރޭޝަނަށްފަހު އެ ނެގުނު ހިތް ދިނީ އަސްލަންގެ އަތަށެވެ. އޭނަގެ އަންގި ލައްވާފައި ހުރި އަތަށް އެރިއިރު ހިތްއޮތީ ހަރަކާތް ކެނޑިފައެވެ. އަތަށް މަޑު މަޑު ހޫނުކަމެއް އިހުސާސްވިއެވެ. ހިތުގެ ހޮޅިތައް ހުރި ބައި ކުޑަކޮށް ހަރަކާތްކުރިނަމަވެސް ހިތް އޮތީ ހިމޭނުންނެވެ. އޭނަ އަވަސްކަމާއިއެކު އެ ލާން ހަދާފައިވާ މެޝިނަށް ގުޅައިލަނީ ހިތުގެ ލޭ ހޮޅިންނެވެ. އަސްލަން މަޑުމަޑުން ފިތާލުމުން ހިތް މަޑުމަޑުން ޕަމްޕްކުރަން ފެށިއެވެ. މަޑު މަޑު މިއުޒިކެއް ފަދައިން މެޝިނުގެ އަޑުން ތަނުގެ ހިމޭންކަން ކޮންމެވެސް ވަރަކަށް ކަނޑުވާލާފައިވިއެވެ. އެ މަންޒަރު ދެކެން ކައިރީގައި ހުރި އެރިކްއަށް ހިތް ޕަމްޕް ކުރަންފެށިތަން ފެނުމުން ލޯ ފެންކަޅިވިއެވެ. ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ހެއްކެކެވެ. ޓެކްނޮލޮޖީ ކުރި އަރަމުންގޮސް ގުނަވަން ބަދަލުކުރާއިރު ގަނޑުފެނުގައި ހިތް ރައްކާތެރިކަން މަތީގައި ގެނެސް ބަލިމިހާގެ ހަށިގަނޑަށް ލެއްވުމުގެ ބަދަލުގައި މި ސިސްޓަމްގެ ސަބަބުން ހޫނުކޮށް އޮތްވާ ހިތް ލެއްވޭނެއެވެ.
"އެމޭޒިން. ކުރިމަތިން މިފެންނަނީ ހިތް ބީޓްކުރާތަން...އެވެސް ހޫނު ހިތެއް.." އެރިކްވެސް މަޑުމަޑުން ހިތުގައި އަތް ޖައްސާލައިފިއެވެ.
"މީހެއްގެ ހިތެކޭ..ބަލައިގެން އުޅެއްޗޭ.." އަސްލަން ބުމަ އަރުވައިލިއެވެ.
"ޑޯނަރއަށްވެސް ޝުކުރު ހައްގު. މި ބީޓްކުރާތަން ފެނި މަގޭ ހިތްވެސް އަވަސްވެއްޖެ..ފޮށްޓަކަށް ހިތް ލައިގެން ގެނެސް އެހެން މީހެއްގެ ހަށިގަނޑަށް ލެއްވުމަށްފަހު އެމީހާގެ ފުރާނަ ސަލާމަތްކޮށްދޭ މި ހިތް ޑިޒައިން ކުރެއްވި ފަރާތަށް އެންމެ ބޮޑަށް ޝުކުރުވެރިވާން ޖެހެނީ........." އެރިކްގެ އަޅި ދެލޮލުގައި ވިދުމެއްވިއެވެ.
"ހޫ....؟"
"އަ.........ގޯޑް.."
އަސްލަންގެ ޖުމްލައިން އޭނަ ދީން ގަބޫލުނުކުރާ މީހެއްކަން އެނގުނެވެ. އެކަމާއި ޖަދަލުކޮށް ހެޔޮގޮތް ވިސްނާދިނުމުގެ ބަދަލުގައި އެރިކް އެ މައުޟޫ އޮޅުވައިލީއެވެ.
"އެނގޭތަ؟ އަހަރެމެން އަންހެންކުދިންނަށް ހިތް ދޭއިރު މިއީ ބައެއް ކުދިން މި ހަމަ ލޮލުން ފެނުނަސް ފެއިންޓްވެ ހިތް ބިރުގަންނަ އަދި ބަލިކަށި ހިތްތަކަށް ބަލައިލަން އުދަގޫވެސް ވާފަދަ އެއްޗެކޭ ދޯ......ލޯބިވީމަ ދެން ހިތް ދޭނަމޭޭ ބުނަނީ ކީއްވެތަ؟ ހޫމް. ބިކޯޒް މިއީ އިންސާނާގެ އެންމެ ސަޅި ގުނަވަން ދޯ.." އެރިކްގެ ނަޒަރު އެ ހިތުން ކައްސައެއްނުލައެވެ. އޭނަގެ ހިތުގައި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމަށް ހާސްފަހަރު ވިސްނައިލަން މަޖުބޫރުކުރުވިއެވެ. ހިތަކީ ހަމަ އަޖައިބެއްފަދަ ގުނަވަނެކެވެ.
"މަ އަންހެންކުއްޖެއްދެކެ ލޯބިވީ ދުވަހަކުން މަގޭ ހިތުގެ ބަދަލުގައި މިހިރަ ރީތި ދެލޯ ދޭނީ.." އަސްލަން ސަމާސާ ރާގަކަށް ބުނެފައި އަންގި ނައްޓާލާފައި އެއްލާލައިފިއެވެ. އަސްލަންގެ ފޮނި ގޮތެއް ހުންނަކަމަށް އެރިކްވެސް ގަބޫލުުކުރެއެވެ. އޭނަގެ ބައްޕައަކީ މި ހޮސްޕިޓަލުގެ ވެރިޔާ ކަމުގައި ވެފައި މުއްސަދިކަމާއި ރީތިކަން އަދި ތިމާގެ މޮޅުކަމުން ބޮޑާ ނުވެވޭވަރެއްވެސް ނޫނެވެ. ބޭނުން ކޮންމެ ނިއުމަތެއް ފުރިހަމަވެފައިވިޔަސް އާޚިރަތަށްޓަކާ އަސްލަންއަށް ތައްޔާރުވެވިފައި ނެތެވެ.މިފަދަ މީހުންނަށްޓަކާ ދުނިޔެއަކީ ސުވަރުގެއެވެ.
***
އެރިކް ގްރޭއިސް އެނެޓޮމީ ކިޔާ ޑްރާމާ ބަލަން ކައުޗްގައި އޮށޯވެލައިގެން އޮތްއިރު ގާތުގައި ހުރި ޗިޕްސްދަޅު ހުސްވަމުން ދިޔައެވެ. ހިތުގެ އޮޕަރޭޝަން ޑޮކްޓަރަކަށްވުމަށްޓަކާ ކިޔަވަމުންދާއިރު ހިތަކީ ކިހާ މުހިއްމު ގުނަވަނެއްކަމާއި ސިއްހަތު ރަގަޅަށް ހުރުމަށް ކާންޖެހޭ އެއްޗެހި އެންމެ ރަގަޅަށް އެނގޭ ޒުވާނަކަށްވީ ނަމަވެސް އިންސާނުންނަކީ އެފަދަ ބަޔެކެވެ. ގެއްލުން ހުރިކަން އެނގުނަސް އެކަމެއް ކުރަން އާދަވަނީއެވެ. ދޮރު ތަޅުނުލާ ހުއްޓާ ސަލާމް ގޮވާލާފައި އެތެރެއަށް މީހަކު ވަނުމުން އެރިކް އޮތްގޮތަށް އޮވެ ބަލައިލިއެވެ.
"ވައަލައިކުމުއް ސަލާމް..."
"އާރިކް. ކީއްވެ ހަރާމް އެއްޗެހި ތިބަލަނީ؟" ހާރިސް ވަންގޮތަށް އެރިކް އަތުގައި އޮތް ރިމޯޓުން ޓީވީ ނިވާލައިފިއެވެ.
"ޗިލް ހާރިސް....."
"މަގޭ ނަމަކީ އަބޫ އައްމާރު." ހާރިސް ކޮންމެ ފަހަރަކު ރަގަޅުކޮށްދޭ އުސޫލުން އެހެން ބުނުމަށްފަހު އެތެރެއަށް ވަދެފައި އައީ ދެ ކޮފީ ހިފައިގެންނެވެ.
"ދަރިއަކު ނެތި އަބޫ އައްމާރު ކިޔާ ސަބަބެއް ވިސްނަ ވިސްނާ ނޭގޭ. ހާރިސް. އެކްސްޓްރީމިސްޓަކަށް ވަނީތަ؟ ޝޭޚަކަށް ވުމަކީވެސް އަހަރެން އެހާ ލައިކް ވީ ކަމެއްނޫން. ސަބަބަކީ މި ޒަމާނުގައި ޝޭޚުންނާއިމެދުވެސް ބައެއް މީހުން ދެކޭގޮތުން. އެކަމަކު މިހާރު ތިދަނީ އެހެން ދިމާލަކަށް ހެން ހީވާން ފަށައިފި. އަހަރެން ކުރާ ކޮންމެ ކަމަކަށް ފާޑުކިޔާތީ..." އެރިކްގެ ހޭވިފައިވާ އިސްތަށިގަނޑުގައި އިނގިލި ހިންގައިލިއެވެ.
"އަހަރެން މިއުޅެނީ ގުރުއާނާއި ސުންނަތުގައިވާ ގޮތަށޭ. އެކަމަކު ހިލޭ އަންހެނުން އޮރިޔާމުން ތިބޭ މަންޒަރު ބަލަންޏާ އެ ނުބަލާށޭ ބުނުން އެކްސްޓްރީމިސްޓަކަށް ވާންވީ ސަބަބެއް ބުނެބަލަ. ޔޫ ޑޯންޓް ޕްރޭ އޮން ޓައިމް...ނަމާދުގަޑީގައި ފިލްމް ބަލަން އޮތީމަ އެއްޗެހި ބުނެވޭނެ ދޯ. ކިތައް ފަހަރު އެވާހަކަވެސް ހަނދާންކޮށްދެވުނީ..އެންމެ ފަހަށް ފޮނުވި ދަރުސް ބެލިންތަ؟ ނަމާދާއި ބެހޭގޮތުން.............." ހާރިސް އެހިއެވެ.
"ސޮރީ. އަދި ޓައިމް އެއްނުވޭ. އަހަރެންގެ ކިޔެވުން އޮންނަގޮތުން........." އެރިކް އެއްޗެކޭ ބުނަން އުޅުނެވެ.
"އެކަމަކު ފިލްމު ބަލައިލަން ވަގުތުވޭ."
"ކަމޯން ހާރިސް. އަހަންނަކީ މުސްލިމެއް. އަހަރެން އައީ މުސްލިމް އާއިލާއަކުން އަދި މިހާރުގެ ގިނަ ޒުވާނުންނަށްވުރެ ދީނަށް އުޅެން. ހާރިސް. ވަޓްސް ރޯންގް ވިތް ޔޫ...." އެރިކް ކުއްލިއަކަށް ބުމަ ކައިރިކޮށްލައިފިއެވެ." ހާދަ ބަދަލުއެބަވެއޭ. ހަގީގަތުގައިވެސް ޓެރަރިޒަމްއާއި އެއްވެސް ގުޅުމެއް އޮތީތަ؟ ތިހެން އުޅެން ހަދައިގެން މަގޭ ކެރިއާ ވެސް ހަލާކުވެދާނެ. ކިތައްފަހަރު ފުލުހުން ގެންގޮސްފި...."
"އެމީހުންނަށް އެކަހަލަ ޝައްކެއްވާނަމަ އަހަރެން މިހެން މިނިވަންކަމާއެކު އުޅެން ބަހައްޓާނެދޯ. އެންމެ ފަހުން ވެސް ގެންދިޔައީ އަންހެންކުއްޖަކު އަހަންނާއިމެދު ޝައްކުކޮށްގެން އޭނަގެ ހިތުގައި ބިރުވެރިކަން އުފެދިގެން....." ހާރިސްގެ ހުދު ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. "އޭނަގެ އަވަށްޓެރިއަކަށް އަހަރެން އުޅެނީ. އެހެންވެ ދެން ދޭތެރެއަކުން ރިޕޯޓްކުރާނެކަން ނޭގޭ. ނޭވާލިޔަސް ބިރުން އުޅޭނީ.."
"ހާރިސް ތަންކޮޅެއް ނޯމަލްކޮށް ހެދުން އެޅިއްޔާ ކީއްތަވާނީ؟ޝޭޚުންނަށް ވިޔަސް ހަމަ އެބަޔަކު އުޅޭ ގައުމެއްގައި އެ ލާ ހެދުން ލިއްޔާ އުޅެން ފަސޭހަވާނެއްނު. ހަރުބަހެއްވެސް އޮވޭ. ވެން ޔޫ އާ އިން ރޯމް ހޭވް ޓު ލިވް ލައިކް އެ ރޯމަން...." އެރިކް ހަނދާންކޮށްލަދިނެވެ.
"އާރިކް އިންސާނުންދެކެ ބިރުން އިނގިރޭސިވާންވެގެން އެރިކް ކިޔުއްވައިގެން އަދި އިގިރޭސިން އަޅާގޮތަށް ހެދުން އެޅިޔަސް އަހަރެން ލޯބިކުރަނީ އަދި މަގޭ މޮޑެލްއަކީ ހީރޯއަކީ ޕްރޮފެޓް މުހައްމަދު ރަސޫލުﷲ. އަދި ބިރުގަންނަ ދެވަނަފަރާތެއްނެތް. ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާ. އެހެންވީމަ އަހަރެން ކޮންމެހެން ކާފަރުންގެ ގައުމެއްގައި އެމީހުން ރުއްސަން އެމީހުން ހެދުން އަޅާގޮތަށް ހެދުން އަޅާ އެމީހުން ކާ އެއްޗެހި ކައިގެން އުޅެން ނުޖެހޭނެއެއްނު. ޔާ ﷲ ގިވް ގައިޑެންސް ޓު މައި ފެމިލީ......" ހާރިސް އިސްތަށިގަނޑު މޫނަށް އުދަގޫކުރަން ފެށުމުން ހުޅިއެއް ޖެހިއެވެ.
"އާމީން.."
***
ކެތްރީން އޭނަގެ ބޭސްތައް ކަރުދާހުން ވަކިކުރުމަށްފަހު ފެންފޮދަކާއިއެކު ދިރުވާލައިފިއެވެ. ކުރިމަތީގައި ހުރި ގޮނޑީގައި ސިއާރާ އިންއިރު ލޮލުން ކޮންމެވެސް ވަރަކަށް ކަންބޮޑުވުމުގެ ކުލަވަރު ފެނުނެވެ.
"މަންމަ ދެން އެކަމާއި ނުވިސްނަބަލަ. އަޅުގަނޑަށް އޭނަ ކަމުނުދިޔައީމަ ނޫނެކޭ ބުނީ....."
"އެމީހުންގެ ބާރާއި ނުފޫޒު ހުރިވަރެއް ސިއާރާއަކަށް ނޭގޭތަ؟ މާކް ކްރޯފޯޑްއަށް މަންމަ ވައުދުވިން. ޕްލީޒް ދަރިފުޅާ. ދުވަހަކު މަންމައަށް ކަމެއްކޮށްދެންޏާ އަސްލަންއާއި ކައިވެނި ކުރޭ......." ކެތްރީން ސިއާރާގެ އަތުގައި ހިފަހައްޓައިލިއެވެ. ލޮލުގައި ވީ އާދޭހެވެ.
"މަންމައަށްވެސް މީހަކު އެހެން ބާރު ފޯރުވައިގެން ދިރިއުޅުން ހަލާކުކޮށްލީ. މަންމަގެ ދަރިފުޅަށްވެސް އެފަދަ ހިތާމައެއް ދޭން ބޭނުންވަނީތަ؟"ސިއާރާއަށް ހިންދިރުވައިލެވުނެވެ.
"މާކްއާއި އޭނަގެ ދަރިފުޅަކީ އެމީހާފަދަ ބަޔެއްނޫން. އުޅުންހުރި ވިސްނޭ ބަޔެއް. ދަރިފުޅު ދެކޮޅު ހަދައިފިއްޔާ ދެން ފެންނާނީ މަންމަގެ ފުރާނަނެތް މަސްގަނޑު.." ކެތްރީން އިންޒާރުދިނެވެ. ސިއާރާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހާލައިފިއެވެ. އޭނަގެ މަންމަ އެފަދަ ފިނޑި އަމަލެއް ހިންގުމަކީ ދުރުގައިވާކަމެއްނޫނެވެ.
"މަންމާ. އަޅުގަނޑު އޭނަ ގާތުގައި ބުނީ ކިޔަވާ ނިމިގެންނޭ. އޭނަވެސް ކިޔަވަނީނު...ޖޮބަށް ދާން ފަށާފައި އަނެއްކާ ކިޔަވަން އެފެށީ...އަސްލު ޓީޗިން ހޮސްޕިޓަލެއްގައޭ ބުނީ....." ސިއާރާ ފުން ނޭވާއެއް ދޫކޮށްލިއެވެ."އެނީވޭސް މަންމަ ކަންބޮޑުނުވޭ. އަޅުގަނޑު އޭނައާއި ވާހަކަދައްކާނަން........"
އަސްލަންގެ ފޮނިކަމާއި ބޮޑާކަން ފެނުމުންވެސް ސިއާރާގެ ހިތް އިތުރަށް ނުބައިވިއެވެ. ރައްޓެހިވެގެން އުޅުނުއިރުވެސް އެކަން ފާހަގަކުރެވުނެވެ. ނަމަވެސް އޭރު ލޯތްބަކީ ކަނު އެއްޗެއްކަމުގައިވެ ލޯބީގެ ބާބު ހަޔާތުގައި ލިޔެވެން ހުރިކަމުން އެގޮތް ޚިޔާރުކުރެވުނީއެވެ. ނަމަވެސް މިހާރު އެ ޅަ ސިއާރާގެ ވިސްނުމާއި ޚިޔާލު ބަދަލުވެ އަޅުވެރި އަންހެންކުއްޖެއްގެ ވިސްނުމުން ސިކުނޑި ފުރެން ފަށައިފިއެވެ.
***
ޚައިރާ ފްލާވާލޭންޑްގައި އަވަދިނެތި އުޅެމުން ދިޔައެވެ. ކްރިސްމަސްގެ ސަބަބުން މާތަކުގެ ބޭނުން އިންތިހާއަށް ބޮޑުވެ ކަސްޓަމަރުން ހުސްވާ އެންމެ އިރެއްވެސް ނާދެއެވެ. އޭނަގެ ގަޑި ނިމުމާއެކު ދޮރު އެތެރެއިން ތަޅުލުމަށްފަހު އޭނަގެ އަވަށްޓެރިޔާ ހާރިސް ކުރީ ދުވަހު ދޫކޮށްލާފައި ދިޔަ ދަބަސް ހާވާލެވުނީ އޭގައިހުރި އެއްޗެއް ދެކެލުމަށެވެ. އޭނައަކީ ނިރުބަވެރިއެއް ނޫންކަމާއި އެފަދަ ނުރައްކަލެއްނެތް ކަން ބައްޕަގެ ފަރާތުން އެނގިފައިވިއެވެ. އެ ދަބަހުގެ ތެރޭގައި އޮތީ މުސްހަފްއަކާއި ދީނީ ފޮތްތަކެވެ. ސްކާފަކާއި އަވި އައިނެކެވެ. ދެތިން ތޮތްޕެވެ.
ޚައިރާ މުސްހަފް ހުޅުވިއެވެ.
"މިއީ މުސްލިމުންގެ މުގައްދަސް ފޮތް. އަހަރެންގެ މަންމަގެ ދީން އެކަމަކު އަހަންނަށް އަރަބި ކިޔަވާކަށްވެސް ނޭގޭ..." ޚައިރާއަށް އަރަބި ފޮންޓް ރީތިކަމުން ކިޔަން ނޭގުނަސް އެކުޑަ މުސްހަފްގެ ރީތިކަމަށްޓަކާ ލޯބި ޖެހި އެ ބޭނުންވިއެވެ. "ފޮރެސްޓް ގްރީން"އަކީ އޭނައަށް ހާދަ ރީތިކުލައެކެވެ. މިހާރީތި ފޮތެއް ދެކެ ލޯބިނުވާނީ ކާކުހެއްޔެވެ؟ އެންމެ ފަހުން ކެތްނުވެގެން އޭނަ އެ މުސްހަފް އަމިއްލަ ދަބަހަށް ލުމަށްފަހި ނިކުންނަން ހިނގައިގަތްތަނާ މީހަކު އަރާ ހަމަވިއެވެ. ކުރިމަތީގައި ހުރީ ހާރިސް ފިޔަވާ ދެވަނަމީހެއް ނޫނެވެ. ކަޅު އަވިއައިނުން ލޯ ފޮރުވާލައިގެންނެވެ.
"ކުރީ ދުވަހު ބެކްޕެކް ބާއްވާފައި ދެވުނީ. އެހެންވެ ބަލާ މިއައީ..."
"އޯ....." ޚައިރާގެ ހިތް ތެޅިގަތްވަރުން އެ އަޑު ބޭރަށްވެސް އިވޭނެކަމުގައި އޭނަ ހީކުރިއެވެ. އޭނަ ކުޑަކޮށް ކެއްސާލާފައި ގޮސް އަވަހަށް އެ ދަބަސް ނަގާފައި ހާރިސްގެ އަތުތެރެއަށް ޖެހިއެވެ.އޭނަގެ ހިތް ތެޅެނީ މިމީހުން ދެކެ ގަންނަ ބިރެއްގެ ސަބަބުންނެވެ. އެހެން އެއްވެސް ކަމެއް ވެގެނެއްނޫނެވެ. މިއީ ރަހުމެއް ހަމްދަރުދީއެއް ނެތް އިންސާނުންކަމުގައި އޭނަގެ ހިތަށް ވިސްނިފައިވިއެވެ.
"ތެންކިއު..." ހާރިސް އޭނައާއި ދިމާލަށް ބަލާލުމެއްނެތި ދަބަސް ބުރަކަށީގައި އަޅުވައިގެން ހިނގައިގަތުމުން ޚައިރާގެ ހިތް ނުތަނަވަސްވިއެވެ. އެ ފިރިހެނާގެ އެއްޗެއް ވަގަށް ނެގިކަން އެނގުމުން ހަދާނެ ގޮތެއްވެސް ނޭގެއެވެ. މިއޮތީ އަނެއް ކަންތަކާއި ޖެހިފައެވެ.
ނުނިމޭ