12 Apr 2022, 11:36
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދު ވެފައިވާ ހިސާބު ކަމުގައިވާ ހިޔާ ފްލެޓްތަކުން ކުލި ނުނަގާތާ ހަތް މަސް ދުވަހުގެ މުއްދަތަކަށް ފަހު، މިމަހު ކުލި ނަގަން ވަނީ ފަށާފައެވެ.
ހިޔާގެ 16 ޓަވަރުގައި 7،000 ފްލެޓު ހުރެއެވެ. އެ ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން މި ސަރުކާރުން ދޫކޮށްފައިވަނީ 6،720 ފްލެޓެވެ.
ކުލި ނަގަން ފެށި ނަމަވެސް ހިޔާގެ ބައެއް ފްލެޓުތަކުގައި އަދި މީހުން ދިރިނޫޅެއެވެ. އެޗްޑީސީން ބުނި ގޮތުގައި ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުގެ އަދަދު އެނގޭނީ، އެ މައުލޫމާތު ހޯދުމަށް ކުރިއަށްގެންދިޔަ ސާވޭއިން އެއްކުރި މައުލޫމާތު އެނަލައިޒްކޮށް ނިމުމުންނެވެ.
ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އުފައްދާފައިވާ އަމިއްލަ ޖަމުއިއްޔާއެއް ކަމަށްވާ "އާންމު އެކުވެރި ގުޅުން"އިން "ސަން"އަށް ބުނީ، އެކި ކުންފުނިތަކަށް ފްލެޓް ނިންމަން ހަވާލުކޮށް، އެ ކުންފުނިތަކުން މަސައްކަތް ނުނިންމުމުގެ ސަބަބުން 500 ވަރަކަށް ފްލެޓް އަދިވެސް ނުނިމޭ ކަމަށެވެ.
ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން ދާއިރު، ލިބޭ ޚިދުމަތްތައް މަދު
ހިޔާ ފްލެޓްތަކުގައި މިހާރު ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދެއެވެ. ނަމަވެސް ދެވަނަ ފިޔަވަހިން ގިނަ ޚިދުމަތްތަކެއް ނުލިބެއެވެ. ޚިދުމަތްތައް ހޯދަން ދާން ޖެހެނީ މާލެއަށް ނުވަތަ ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށެވެ.
ސިއްހީ ޚިދުމަތްދޭ ތަނެއް އަދި ސްކޫލެއް ވެސް މިވަގުތު ނެތް ހިޔާ ސަރަހައްދުގައި ސިއްހީ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އެތަނުގައި ހަދާ ކްލިނިކްތަކުންނެވެ.
ކްލިނިކާއި ބޭސް ފިހާރަ ނިންމަން ދީފައިވާ މުއްދަތަކީ މި މަސް ނުވަތަ އަންނަ މަހުގެ ނިޔަލަށެވެ.
ހިޔާ ފްލެޓްތަކުގައި ތިން ކްލިނިކާއި ތިން ފާމަސީ ހެދުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެޗް5ގައި ހަދާ ކްލިނިކަކާއި ފާމަސީއާއި އެޗް12ގައި ހަދާ ކްލިނިކަކާއި ފާމަސީގެ އިތުރުން އެޗް6ގައި ހަދާ ކްލިނިކަކާއި އެޗް11ގައި ހަދާ ފާމަސީއެކެވެ.
ހިޔާ ފްލެޓުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، ގިނަ ބެލެނިވެރިން މާލޭގައި ވަޒީފާ އަދާކުރުން ފަދަ ސަބަބުތަކާ ހެދި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސްކޫލަށް ގެންދިއުމުގެ ބަދަލުގައި، އެމީހުންގެ ދަރިން ގެންދަނީ މާލޭ ސްކޫލުތަކަށެވެ.
"މިހާރު ޖޮބް ޗޭންޖު ވިޔަސްވެސް އެކުދިން [ފުރަތަމަ ފިޔަވަހީގެ] ސްކޫލަށް ބަދަލު ނުކުރަން މި ހުންނަނީ، މިތާ ކައިރީ [ދެވަނަ ފިޔަވަހީގައި] ހަދާ ސްކޫލަށް ލާންވެގެން،" ހިޔާ ފްލެޓުން ވާހަކަ ދެއްކި ބެލެނިވެރިއަކު ބުންޏެވެ.
މީގެ ކުރިން ސްކޫލަށް ދިއުމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ހޭދަވި ނަމަވެސް، މިހާރު ދެވަނަ ފިޔަވަހިން މާލޭ ސްކޫލަށް ދާތީ، އެތައް ގަޑިއިރެއް ކުރިން ކުދިން ސްކޫލަށްދާން ތައްޔާރުވާން ޖެހޭކަމަށް ބައެއް މީހުން ބުންޏެވެ. އަދި އެކަމުގެ ސަބަބުން ކުދިން ސްކޫލަށް ދެވޭއިރު ތިބެނީ ފޫހިވެފައި ކަމަށް ބައެއް މީހުން ބުންޏެވެ.
ހިޔާ ސަރަހައްދުގައި މިހާރު ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް، ހިޔާ ފްލެޓްގައި އުޅޭ މީހަކު ނަން ނުޖެހުމަށް އެދި ބުނީ، މަސައްކަތް މިހާރު ދާ ސްޕީޑަށް ބަލާއިރު އަވަސް މުސްތަގުބަލެއްގައި ސްކޫލު ނުނިމޭނެ ކަމަށެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި އިމާރާތް ކުރާ ޕަބްލިކް ސްކޫލަކީ 65،118 އަކަފޫޓުގެ، 52 ކްލާސްރޫމުގެ ސްކޫލެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެ މަސައްކަތް ނިމޭނެ ތާރީޚަކާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ހިޔާގެ 16 ޓަވަރުގައި މިވަގުތު ހުރީ 10 ފިހާރައެވެ. އެއީ ޓަވަރު 1، 4، 5 ،6 ،7 ،9، 14، 16، ގައި ހުރި ފިހާރަތަކާއި ޓަވަރު 12ގައި ހުރި ދެ ފިހާރައެވެ.
ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ހިޔާ ފްލެޓްގެ ހުރިހާ ޓަވަރެއްގެ މީހުން ބޭނުން ކުރަން މިވަގުތު ހުރީ ދާއިމީ މިސްކިތަކާއި ދެ ވަގުތީ މިސްކިތެވެ. ދެވަނަ ފިޔަވަހި ފެށޭ ހިސާބުގައި ހުރި ދާއިމީ މިސްކިތަކީ އަމިއްލަ ފަރާތަކުން އިމާރާތް ކޮށްދީފައިވާ މިސްކިތެކެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހުޅުވި "މަސްޖިލު ޢަމީލް ޖަލީލް"އެވެ.
އެ މިސްކިތުގައި 480 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށާއި މިސްކިތުގެ ހަރިންމަ ތެރެއިން 600-700 މީހުންގެ ޖާގަ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު، ވަގުތީ ފުރަތަމަ މިސްކިތުގައި އެއް ފަހަރާ 450 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮންނައިރު، ދެވަނަ ވަގުތީ މިސްކިތުގައި އެއްފަހަރާ 400 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ސަރުކާރުން އިމާރާތްކުރާ ފުރަތަމަ ދާއިމީ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މިސްކިތް ފަރުމާކޮށްފައި ވަނީ މިސްކިތުގެ އެތެރެއާއި ކޯޓްޔާޑުގައި 3000 މީހުންނަށް ތިބެވޭ ގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން އެ މިސްކިތް ބިނާކުރާއިރު 139 ސައިކަލު ޕާކް ކުރެވޭނެ ޖާގަ ހަދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ހިޔާ ސަރަހައްދުގައި، ހުކުރު ދުވަސްތަކުގައި ވަގުތީ މިސްކިތް ފުރިގެން، މިސްކިތުން ބޭރުގައި، އަވީގައިވެސް ގިނަ ބަޔަކު ނަމާދު ކުރަން ތިބެއެވެ. އެކަމުގެ ސަބަބުން ބައެއް މީހުން އަނބުރައިގަތުން ފަދަ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.
"ފެނޭ ހުކުރު ދުވަސްދުވަހު ވަގުތީ މިސްކިތުގެ ބޭރުގަ ތިބޭ މީހުން ފެއިންޓުވެގެން ވެއްޓޭ ހާދިސާތައް ދިމާވާތަން،" ހިޔާގައި ދިރިއުޅޭ މީހަކު ބުންޏެވެ.
ފްލެޓްތަކުގައި އުޅޭ މީހުން ބުނާ ގޮތުގައި، އެހާ ގިނަ ބަޔަކު އުޅޭ ތަނެއްގައި ކުލި ނަގަން ފެށިއިރު ކޮންމެހެން ވެސް ބޭނުންވާ ބައެއް ޚިދުމަތްތައް ލިބެން ނެތުމަކީ ވަރަށް ދަތިވާ ކަމެކެވެ. އެގޮތުން ސައިކަލަށް ޕެޓްރޯލް އަޅަން ވެސް ދާން ޖެހެނީ މާ ދުރަށް ކަމަށާއި، އޭޓީއެމްގެ ޚިދުމަތް ނުލިބޭތީ ވެސް އިންތިހާއަށް އުނދަގޫވާކަމަށް އެހިސާބުގައި ދިރިއުޅޭ މީހުން ކިޔައިދިނެވެ.
މީގެ އިތުރުން، ހިޔާ ފްލެޓުތަކުގައި ސީސީޓީވީގެ މުހިންމުކަން ވެސް އެތަނުގައި އުޅޭ މީހުން ފާހަގަކުރެއެވެ. އެގޮތުން ހިޔާގައި ދިރިއުޅޭ މީހުން ވަނީ އެންމެ މަތީ ފްލޯއަށް ތަކުރާރުކޮށް ބަޔަކު ނަޖިސް އަޅާކަން ފާހަގަކޮށްފައެވެ.
އެއީ ވަރަށް ބޮޑު އުނދަގުލެއް ކަމަށާއި، ސާފު ކުރާއިރަށް ތަން ހަޑިކުރާ ކަމަށް ފްލެޓްގައި އުޅޭ މީހުން ކިޔައިދިނެވެ. އަދި ސެކިއުރިޓީ ބަލަހައްޓާށާއި ތަން ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ބަޔަކާ ހަވާލު ކޮށްފައިވީ ނަމަވެސް މިހާރަށްވުރެ ސެކިއުރިޓީ ވަރުގަދަ ކުރަން ބޭނުންވާ ކަމަށް އެމީހުން ބުންޏެވެ.
ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ވާހަކަ ދައްކާލުމުން އެނގިގެން ދިޔައީ، އަމިއްލަ ދިރިއުޅުމެއް އުޅެން އެފަދަ ތަނެއް ލިބުނީތީ އެމީހުން ހިތްހަމަޖެހިފައި ތިބިކަމެވެ.
"ބުނެވޭނީ، މިއީ [ހިޔާ ފްލެޓަކީ] އުނދަގުލެއް ނޫނޭ، ދިރިއުޅުން ފަސޭހައޭ. އެކަމަކު، ވަގުތާ، [ދުރު] ދަތުރުކުރަން ޖެހުމާ، މިކަހަލަ ކަންކަމާ ހެދި އުނދަގުލީ،" ދެވަނަ ފިޔަވަހިން މާލެއަށް ވަޒީފާ އަދާކުރަން އަންނަ ޓީޗަރެއް ބުންޏެވެ.
ކޮންމެ ކަމެއްގައިވެސް ކޮންމެވެސް އުނދަގޫތަކެއް ހުންނާނެ ފަދައިން، ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެތަނުގައި ގިނަ ޚިދުމަތްތަކެއް ލިބެން ނެތުމެވެ.