04 Apr 2022, 14:42
ކުރިއާ އަޅައި ބަލާއިރު، މިދިޔަ ހަފްތާ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން ދަށް ވެފައިވާއިރު މިދިޔަ މަހުގެ 14 އިން ފެށިގެން މާސްކް ނާޅައި އުޅުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.
އެޗްޕީއޭއިން މިއަދު ވަނީ މިިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހުގެ ކޮވިޑް ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ހަފްތާތެރޭގައި ޖުމްލަ 665 މީހުން ޕޮޒިޓިވްވެފައިވެއެވެ. އޭގެ ކުރީގެ ދެ ހަފްތާގައި މި އަދަދު 2342 އަށް އެރިއެވެ.
މި ހަފްތާގައި މާލެއިން ޕޮޒިޓިވްވީ 72 މީހުންނެވެ. މިދިޔަ ދެ ހަފްތާގައި އެ އަދަދު 184އަށް އަރައެވެ. އަދި މި ހަފްތާގައި އަތޮޅުތެރެއިން 481 މީހުން ޕޮޒިޓިވްވި އިރު، އޭގެ ކުރީގެ ދެ ހަފްތާގައި އަތޮޅުތެރެއިން 1938 މީހުންނަށް ވަނީ ބަލި ޖެހިފައެވެ.
މީގެ ކުރީގެ ދެ ހަފްތާއެކޭ އެއްގޮތަށް، މިދިޔަ ހަފްތާގައިވެސް ކޮވިޑް ބަލީގައި ރާއްޖެއިން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު މުޅި ރާއްޖެއިން 144 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ކުރިން އެ އަދަދު ހުރީ 215ގައެވެ.
ރަމަޟާން މަސް ފެށުމާއެކުވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވިކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެގޮތުން، އަތޮޅުތެރެއިން އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު 64 މީހުން ޕޮޒިޓިވްވި އިރު، ރޯދަ މަހުގެ ފުރަތަމަ ދުވަހު އެ އަދަދު ވަނީ 18 އަށް ތިރިވެފައެވެ.