ކޮލަންބޯ (އެޕްރީލް 4): ސްރީލަންކާގައި އެކުލަވާލުމަށް ހަމަޖެހިފައިވާ އައު ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު އިދިކޮޅު ޕާޓީތަކަށްވެސް ދޭނެކަމަށް އެގައުމު ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ އިސްތިއުފާ ދިން ސަރުކާރުގެ ސިއްހަތާބެހޭ ވަޒީރުކަމުގައި ހުންނެވި ކެހެލިޔާ ރަމްބުކްވެއްލާއާ ހަވާލާދީ އެގައުމުގެ ނޫސްތައް ބުނިގޮތުގައި ރައީސް ގޮތަބަޔަ ރާޖަޕަކްސާ ހުންނެވީ އައު ސަރުކާރުން އިދިކޮޅަށްވެސް ޖާގަ ދެއްވުމުގެ ވިސްނުމުގައެވެ.

އައު ސަރުކާރުގެ ވަޒީރުންގެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސުމުގެ ކުރިން ރައީސް ގޮތަބަޔަ އިދިކޮޅު ޕާޓިތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ކެހެލިޔާ ވިދާޅުވިއެވެ. ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމުގައި އިދިކޮޅުގެ ބައިވެރިވުން ބޭނުންތެރިކަމަށް ރައީސް ގޮތަބަޔަ ދެކެވަޑައިގަންނަވާ ކަމަށާ އަމާޒަކީ މިނާޒުކު ހާލަތުން އަރައިގަތުމަށް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ބޭނުން ހިއްޕެވުންކަމަށް ކެހެލިޔާ ވިދާޅުވިއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ބޮޑުވެ ރައްޔިތުން މަގުތަކަށް ނުކުތުމާއެކު ރައީސް ގޮތަބަޔައާއި އޭނާގެ ވެރިކަން ހޫނުފެނަށް ވެއްޓުމުން އޭނާގެ ސަރުކާރުގެ ހުރިހާ ވަޒީރުން ރޭގެ ވަގުތެއްގައި ވަނީ އިސްތިއުފާ ދެއްވާފައެވެ.

ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދާސާ

ނަމަވެސް ބޮޑުވަޒީރު މަހިންދަ ރަޖަޕަކްސަ ހުންނެވީ މަގާމުގައެވެ. އިދިކޮޅު ހިމަނައިގެން ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރު އެކުލަވާލަން ރައީސް ގޮތަބަޔަ މަސައްކަތް ކުރައްވަނީ އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސަގެ ބޮޑުވަޒީރު ކަމުގައި ބަހައްޓައިގެންނެވެ. މިކަމާ އިދިކޮޅު ލީޑަރުން ދެކޮޅުކަމަށް ސްރީލަންކާގެ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

އިދިކޮޅުން ދެކޭގޮތުގައި ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކުގެ ޒިންމާ އުފުއްލަވަން ޖެހޭނީ ރައީސް ގޮތަބަޔަ އާއި އޭނާގެ ބޭބެ މަހިންދަ އާއި އެދެބޭފުޅުންގެ އާއިލާއިންނެވެ. އެ އާއިލާއަކީ ކޮރަޕްޓް އާއިލާއެއްކަމަށް އިދިކޮޅުން ދެކޭތީ އިދިކޮޅުން އައު ސަރުކާރުގައި ބައިވެރިވާނެކަމަށް ނުބެލެވޭކަމަށް މުރާސިލުންވެސް ބުނެއެވެ. ނަމަވެސް އިދިކޮޅު ލީޑަރުން ފާޅުގައި އަދި މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެއް ނުވެއެވެ.

ސްރީލަންކާގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވަނީ ފަހުގެ ތާރީޚެއްގައި އެގައުމަށް ކުރިމަތިވެފައި ނުވާވަރުގެ އިޤްތިޞާދީ ދަތިތަކެކެވެ. މީގެތެރޭގައި ކާބޯތަކެތީގެ ދަތިކަމާއި ފައިސާގެ އަގުވެއްޓުމުގެ ދަތިކަމާއި ތެލާއި ގޭސް އަދި ކަރަންޓު ފަދަ އަސާސީ ތަކެތި ލިބުން ވެސް އިންތިހާއަށް ދަތިވުން ހިމެނެއެވެ. މިމައްސަލަތަކާއެކު ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. ސްކޫލްތަކާއި ތައުލީމީ މުއައްސަސާތައްވެސްވަނީ ބަންދުކުރަންޖެހޭ ހިސާބަށް ގޮސްފައެވެ.

ސްރީލަންކާގެ ރައްޔިތުންގެ ގިނަ ބަޔަކު މިކަންކަމުގެ ޒިންމާ އަޅުވަނީ އެގައުމުގެ ރައީސް ގޮތަބަޔަ ރަޖަޕަކްސަ އާއި އޭނާގެ ބޭބެ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތަށިފުޅުގައެވެ. ދެން އެއާއިލާގެ ބޮލުގައެވެ. އަދި ކުރީ ސަރުކާރުގެ ބޮލުގައިވެސް މިކަމުގެ މަލާމާތް ރައްޔިތުން އަޅުވައެވެ.