ފޭރަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މީރު މޭވާއެކެވެ. މި މޭވާއަކީ ރާއްޖޭގެ ދަނޑުތަކުން ގިނައިން ފެންނަ، ދިވެހިންނާ ރައްޓެހި މޭވާއެކެވެ.

ވިިޓަމިން ސީ، އެންޓިއޮކްސިޑެންޓް އަދި ފައިބާއިން މުއްސަނދިވެފައިވާ ފޭރަކީ ހަކުރު މައްޗަށް ދިޔުން ކޮންޓްރޯލްކޮށްދޭ މޭވާއެކެވެ.

ސައިންސްވެރިން ހަދާފައިވާ ދިރާސާއެއްގައި ވާގޮތުން، ފޭރު ފަތުގެ ދިޔަ ބޭނުންކުރުމުގެ ސަބަބުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ރަނގަޅުވެ، ދިގު މުއްދަތަކަށް ލޭގައި ހަކުރު ކޮންޓްރޯލް ވެގެންދެއެެވެ. މީގެ އިތުރުން އެއްޗެއް ކެއުމަށް ފަހު، ފޭރު ފަތުން ތައްޔާރުކޮށްފައިވާ ސައި ބުއިމުން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ދަށްވެއެވެ. އަދި މި ސައިގެ އަސަރު ތިން ގަޑިއިރަށް ދެމިގެން ދެއެވެ.

ގިނަ އަދަދެއްގެ ސައިންސްވެރިން ގަބޫލުކުރާގޮތުގައި ފޭރުގައި ފައިބަރު އެކުލެވިގެން ވެއެވެ. އެހެންކަމުން، ފޭރަކީ ލޭގެ ޕްރެޝަރު ދައްކޮށްދީ ލޭގައި ސަރުބީ އެކުލެވޭ މިންވަރު ދައްކޮށްދޭ މޭވާއެކެވެ. މީގެ އިިތުރުން، ލޭ މައްޗައްދިޔުން އަދި ހިތުގެ ބަލިތައް ތަހައްމަލްކުރަމުންދާ މީހުން ފޭރު ކެއުމަކީ މުހިންމުކަމެކެވެ.

މެދު ސައިޒްގެ ފޭރެއްގައި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ 20 ޕަސެންޓު ޕޮޓޭސިއަމް އެކުލެވިގެންވެެއެވެ. ޕޮޓޭސިއަމްއަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ހިތުގެ ވިންދުޖެހުން އެއް ހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވިގެންވާ ފޭރަކީ އަރިދަފުސް ރޯގާ އަދި އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭ މޭވާއެކެވެ. ރަނގަޅަށް ދޮންވެ ފައްކާވެފައިވާ ފޭރުގެ ފަނި އަދި ފޭރުފަތަކީ ކެއްސުން މަދު ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ބަރުދަން ލުއިކުރުމަށް ބޭނުންވާ ކެއުމެއްގައި ހުންނަންޖެހޭ މުހިންމު މާއްދާތައް ފޭރުގައި ހުރެއެވެ. އެގޮތުން، ފޭރުގައި ގިނަ އަދަދަކަށް ޕްރޮޓީން، ވިޓަމިންތައް އަދި ފައިބަރު އެކުލެވިގެންވެއެވެ. ފޭރުގައި ސަރުބީ އެކުލެވިގެން ނުވާއިރު، ކާބޯހައިޑްރޭޓް އެކުލެވިގެން ވަނީ މަދު މިންވަރަކަށެވެ.

މެންދުރު ކެއުމުގައި މެދު ސައިޒުގެ ފޭރެއް ބޭނުންކުރުމުން، ރޭގަނޑު ކެއުމާ ހަމައަށް ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ލިބިގެންދާ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އޮރެންޖް، އާފަލު ފަދަ މޭވާތަކާ އަޅާބަލާއިރު، ފޭރުގައި ހަކުރު އެކުލެވިގެންވަނީ މަދު މިންވަރަކަށެވެ.