05 Apr 2022, 10:34
"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ ހަތަރުވަނަ ދުވަހު މި ގެނެސްދެނީ އޯޓްސް ބޯކިބާއެވެ. އޯޓްސް ބޯކިބާއަކީ ރޯދަ ވީއްލާ ގަޑިއަށް ވަރަށް ކަމުދާނެ ކުޅި ހެދިކާއެކެވެ.
ބޭނުންވާނެ ތަކެތި:
1 ފިޔާ (ބޮޑު)
- 1 ދަޅު މަސް
- ބައި އިންޗި އިނގުރު
- 1 ލުނބޯ
- ރަހަލާވަރަށް ލޮނު ކޮޅެއް
- ބައި ސައިސަމުސާ ރީނދޫ
- ހިކަނދިފަތް
- ގިތެޔޮ މިރުހެއް
- 1 ޖޯޑު އޯޓްސް
- 1 ބިސް
- ކުޑަ ފެންފޮދެއް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ، ކޮށާފައިވާ ފިޔާކޮޅަށް ލޮނު އަޅައި، ހުތް ޖަހާނީއެވެ. ދެން ހިކަނދިފަތާއި ރީނދޫ އަޅައި ރަނގަޅަށް މޮޑެލާނީއެވެ.
އެއަށްފަހު އިނގުރާއި މަސްދަޅު އަދި މިރުސް އަޅާ އެއްކޮށްލާނީއެވެ.
ރަނގަޅަށް އެއްވުމުން އޯޓްސް އަޅާނީއެވެ. މި ޑިޝް ތައްޔާރު ކުރާއިރު، ބޭނުން ނަމަ އޯޓްސް ފެނަށްލާ މަޑުކޮށްފައި ބެހެއްޓުމަށްފަހު ވެސް ހެދިދާނެއެވެ. ނަމަވެސް އޭރުން ބޯކިބާ ފިހާއިރު ދިޔާވާނެއެވެ.
އޯޓްސްކޮޅު އެއްވުމުން، ފެންފޮދާއި ބިސް އަޅައި، ރަހަ ހެޔޮވަރު ކޮށްލާނީއެވެ.
އޯޓްސް ބޯކިބާ ފިހުމަށް ޓަކައި ތަވާގައި ތެޔޮ ފޮދެއް އުނގުޅާލުމަށް ފަހު، މިކްސް ކުރި ބައި ތަވަޔަށް އަޅާލައި، ފަތުރާލާނީއެވެ. އަދި މަޑުގިނީގައި ބަހައްޓައިގެން ފިހެލުމުން އޯޓްސް ބޯކިބާ ތައްޔާރުކޮށް ނިމުނީއެވެ.
ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު
ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް
ރެސިޕީ ތައްޔާރުކުރީ: އައިމިނަތު ނަޒްލާ
'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.