ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބެންދެން އޭނާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް އައްޔަން ކުރުން ފަސްކޮށްފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސްއާދިލް ރިޒާ ވިދާޅުވީ ޑރ. ޖަމީލް އެލްޖީއޭ ބޯޑަށް އައްޔަން އައްޔަން ކުރެވޭނީ އެމަނިކުފާނަށް މަޖިލީހުގެ ރުހުން ލިބުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހިދު ހަސަން މަނިކު ދެކެވަޑައިގަންނަވާ ކަމަށެވެ. އެލްޖީއޭގެ ބޯޑަށް ޑރ. ޖަމީލް އައްޔަންކޮށް ކައުންސިލްތައް ޒިންމާދާރު ކުރު ކުރުވުމުގެ މަސައްކަތް ފަށައިގަނެވޭނީ މަޖިލީސް ހުޅުވި މަޖިލިސް ފަށައިގަތުމުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ 62 މާއްދާގެ (ހ) ގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާން ވެފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކު އެލްޖީއޭ ބޯޑަށް ރައީސް އައްޔަން ކުރައްވާނެ އެވެ. އެ މާއްދާގައި ބުނެފައިވާ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބުނަނީ މުސްތަގިއްލު މުއައްސަސާތަކާއި ގާނޫނަކުން އުފައްދާ މުސްތަގިއްލު އެހެން މުއައްސަސާތައް ފިޔަވައި ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާއިމް ކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރަކު ހުންނަންވާނެ ކަމަށެވެ.

ރައީސް އައްޔަން ކުރައްވާ ވަޒީރުންގެ އިތުރުން އެލްޖީއޭ ބޯޑް އެކުލެވިގެން ވަނީ މާލޭ ސިޓީ ކައުންސިލްގެ މެންބަރަކާއި އިދާރީ ދާއިރާތައް ނިސްބަތްވާ އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރާ އެ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކާއި މަޖިލީހުން އައްޔަން ކުރާ މަދަނީ ޖަމިއްޔާއެއްގެ މެންބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.