ހުޅުމާލޭގައި އިމާރާތެއްގެ ފަސްވަނަ ބުރިން ވެއްޓުނު ކުއްޖާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ހުޅުމާލޭ ޕިކްޕޯސްޓް ކައިރީ ހުރި ގެއެއްގެ ފަސް ވަނަ ބުރިން ވެއްޓުނު އުމުރުން ހަތަރު އަހަރުގެ އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ ރޭ 12:30 ހާއިރުއެވެ. އެއީ އަންހެން ކުއްޖެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

"މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިންގޮތުގައި އެ ކުއްޖާ ވެއްޓުނީ މަންމަމެން ފިހާރައަކަށް ދިޔަ ވަގުތުއެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އެވަގުތު އެ ސަރަހައްދުން ދިޔަ ޕިކަޕަކަށް ލުމަށްފަހުއެވެ.