04 Apr 2022, 12:53
ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެޑްރީ ޖެހި ލަނޑާއެކު މެޗުން މޮޅުވެ ބާސެލޯނާއިން ލީގު ތާވަލުގެ ދެ ވަނައަށް ޖެހިލައިފިއެވެ.
ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނި 1-0ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ. އޭގެ ހަތަރު މިނެޓު ފަހުން ޑި ޖޯންގް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ޓޮރޭސް ފޮނުވާލި އިތުރު ހަމަލާއެއް ސެވިއްޔާގެ ކީޕަރު މަތަކުރިއިރު، ޕިއޭ އެމެރިކް އޮބަމަޔަންގް ފޮނުވާލި ހަމަލާ ވެސް ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގެ ހަމައެކަނި ލަނޑު ފެނިފައިވަނީ ދެ ވަނަ ހާފުގައެވެ. މެޗުގެ 72 ވަނަ މިނެޓުގައި އޮސުމާން ޑެމްބަލޭ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޕެޑްރީއެވެ.
މެޗުގައި ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒްއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ޒަވީ ވަނީ ބާސާއާ ހަވާލުވެ އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ.
ބާސާއިން ވަނީ އެންމެ ފަހުން ކުޅުނު އެލްކްލެސިކޯ ވެސް ކާމިޔާބުކޮށްފައެވެ. އެ މެޗުގައި ބާސާއިން ވަނީ ސެންތިއާގޯ ބާނެބާއޯގައި 4-0ގެ ނަތިޖާއަކުން ރެއާލް ބަލިކޮށްފައެވެ.
ޒަވީ ބާސާގެ ކޯޗުކަމާ ހަވާލުވިއިރު އެ ޓީމު އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ. ނަމަވެސް، ޒަވީގެ އިރުޝާދުގެ ދަށުން ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ލީގުގެ ދެ ވަނަ މަގާމަށް ޖެހިލައިފައެވެ.
ދެވަނައިގައި އޮތް ބާސާއާއި އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 57 ޕޮއިންޓެވެ. އެތުލެޓިކޯއިން ވަނީ ބާސާއަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. އެ ޓީމުން 30 މެޗު ކުޅުނުއިރު، ބާސާއިން ކުޅެފައިވަނީ 29 މެޗެވެ.
ލީގު ތާވަލްގެ އެއް ވަނައިގައި ރެއާލް އޮތީ 12 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެ ޓީމަށް ވަނީ 30 މެޗުން 69 ޕޮއިންޓު ލިބިފައެވެ.