04 Apr 2022, 01:23
ހުޅުމާލޭ އިމާރާތެއްގެ މަތިން ކުޑަކުއްޖަކު ވެއްޓި ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިރޭ 12:30ގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެ ކުއްޖާ ވެއްޓުނީ ހުޅުމާލޭ ޕިކްޕޯސްޓު ކައިރީގައި ހުރި ރޯހައުސް އަކުންނެވެ. އަދި އެ ކުއްޖާ ވެއްޓުނީ ހަތަރުވަނަ ބުރިން ނުވަތަ ފަސްވަނަ ބުރިން ކަމަށް އޭނާ ބުންޏެވެ.
"ހަތަރުވަނަ ފްލޯއިން ނުވަތަ ފަސްވަނަ ފްލޯއިން އެ ކުއްޖާ ވެއްޓުނީ. އެ ކުއްޖާ މަންމަމެން ތިބީ ފިހާރައަކަށް އެއްޗެއް ގަންނަން ގޮސް. އެ ކުއްޖާ އެކަނި ކަންނޭނގެ އެގަޑީގައި ގޭގައި ހުރީ،" އޭނާ ކިޔައިދިނެވެ.
ވަގުތުން އެ ކުއްޖާގެ މައިންބަފައިން ވެސް އެތަނަށް އައި ކަމަށާއި އެހެންލައިފައި ދިޔަ ޕިކަޕަކަށް ލުމަށްފަހު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް އޭނާ ކިޔައިދިނެވެ.
"އެއްވެސް ވަރަަކަށް ލޭގެ އަސަރެއް ނުފެނޭ. ހީވަނީ ބުރަކަށި ތެދަށް ހެން ޖެހުނީ. ހަމަ ޖެހުނު ގޮތަށް ކުއްޖާ ހޭނެތިފައި އޮތީ،" އޭނާ ކިޔައިދިނެވެ.
އެ ކުއްޖާގެ ހާލަތު ބެލުމަށް ފުލުހުންގެ މީޑިއާއަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބުދީފައިނުވާތީ ފުލުހުންގެ ބަހެއް ލިބޭގޮތް ނުވިއެވެ.