ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގަ އައްޑޫން ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލައިފިއެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ.

އޭގެ ތެރެއިން ތިން މީހަކު މިދިޔަ ބުދަ ދުވަހު ވަނީ ދޫކޮށްލައިފައެވެ. އެ މީހުން ދޫކޮށްލީ ހައްޔަރު ކުރުމަށް ފަހު، 48 ގަޑިއިރު ހަމަވުމާއެކު ބަންދުގެ މަޖިލީހަށް ވެސް ނުގެންގޮހެވެ.

ބާކީ ތިބި ހަ މީހުންނަށް ކޯޓުން ބަންދުގެ މުއްދަތް ޖެހީ ހަތް ދުވަހެވެ. އެ ހަތް ދުވަސް ހަމަވުމުން މިއަދު އެ މީހުން ވަނީ ދޫކޮށްލައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަންޖެހޭކަމަށް ނުފެންނާތީ ކަމަށެވެ.

އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ދީފައި ނުވެއެވެ.

އެ މައްސަލަ ފެންމަތިވި އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ވެރިން ތިއްބެވީ އައްޑޫގައެވެ.