ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް (ޕީޕީޕީ) ގެ ދަށުން ކުރިއަށް ގެންދަން ނިންމާފައި ހުރި މަޝްރޫއުތަކަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.

އެކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދު މިއަދު ވިދާޅުވީ ޕީޕީޕީގެ ދަށުން ތަރައްގީކުރަން ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށާއި އެ މަޝްރޫއުތައް އިތުރަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ކަމަށް ފެންނާތީ އެ މަޝްރޫއުތަށް ރިވިއު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރިވިއު ނިމެންދެން އެ މަޝްރޫއުތަށް ހުރީ މިވަގުތަށް މަޑުޖައްސާލާފައި ކަމަށެވެ.

"އެގޮތަށް ހުރި މަޝްރޫއުތައް އެބަޖެހޭ އަޅުގަނޑުމެން ރިވިއުކޮށްފައި ބައެއް ބަދަލު ގެންނަން. އެގޮތަށް ރިވިއުކޮށްފައި ކުރިއަށް ގެންދަން މި ވަގުތަށް މަޑުޖައްސާލީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގްރިމަންޓް ކުރެވިފައި ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާނެ ކަމަށާއި އެފަދަ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ އެގްރިމަންޓް ކުރެވިފައި ހުރިއްޔާ އެ މަސައްކަތްތައް ކުރިއަށް ގެންދިޔުން. އެގޮތުން ޕީޕީޕީގެ މަޝްރޫއުތައް ވެސް ކުރިއަށްދާނެ،" އަހުމަދު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ބަޖެޓްކޮށްފައިވަނީ ސަރަހައްދީ އެއާޕޯޓްތަކާއި ބަނދަރުތަކާއި އަދި މަގު ހެދުން ފަދަ ގިނަ މަޝްރޫއުތަކެއް ޕީޕީޕީގެ ދަށުން ކުރިއަށް ގެންދިޔުމަށެވެ.