ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ފިޔަވައި ކެބިނެޓުގައި ތިއްބަވާ ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން ހުރިހާ މިނިސްޓަރުން ވެސް ބޮޑުވަޒީރަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ ވަނީ ވިދާޅުވެފައެވެ.

އޭނާ އެހެން ވިދާޅުވުމުގެ ކުރިން، މަހިންދަ އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ ޚަބަރު ވެސް ފެތުރުނެވެ. ނަމަވެސް ބޮޑުވަޒީރުގެ އޮފީހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ލަންކާގެ ރައީސް ގޮތަބަޔައަކީ މަހިންދަގެ ކޮއްކޯފުޅެވެ. އަދި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެ އާއިލާގެ އެހެން މެންބަރުންގެ ތެރޭގައި މަހިންދަގެ ދަރިކަލުން ނަމާލް، މަހިންދަ އާއި ގޮތަބަޔާގެ ކޮއްކޯފުޅު ބެސިލް އާއި އެ ދެ ބޭފުޅުންގެ ބޭބޭފުޅު ޗަމަލް ހިމެނެއެވެ.

އޭގެ ތެރެއިން ނަމާލް ހުންނެވީ ސްޕޯޓްސް މިނިސްޓަރު ކަމުގެ އިތުރުން ޑިޖިޓަލް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ކަމުގައެވެ. އަދި ފިނޭންސް މިނިސްޓަރު ކަމުގައި ބެސިލް ހުންނެވި އިރު އިރިގޭޝަން މިނިސްޓަރަކަށް ހުންނެވީ ޗަމަލްއެވެ.

ލަންކާގެ މިނިސްޓަރުން އިސްތިއުފާ ދެއްވާފައި ވަނީ އެގައުމުގައި ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރަމުން ދަނިކޮށެވެ.

އެ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގައި ކުއްލި ހާލަތު އިޢުލާންކޮށް، ކާފިއު ހިންގި ނަމަވެސް ލަންކާގެ ރައްޔިތުން ވަނީ މުޒާހަރާތައް ހުއްޓާލުމަށް ދެކޮޅު ހަދާފައެވެ.