ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ކެބިނެޓުން އިސްތިއުފާ ދެއްވައިފިއެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން ނަމާލް ވަނީ ސްޕޯޓްސް މިނިސްޓަރު ކަމުގެ އިތުރުން އޭނާ ދެން އަދާ ކުރައްވަމުން ގެންދެވި، ޑިޖިޓަލް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވާފައެވެ.

ނަމާލްއަކީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުންނެވެ. އަދި ރައީސް ގޮތަބަޔައަކީ އޭނާގެ ބޮޑުބޭބެއެވެ.

ނަމާލް މަގާމުތަކުން އިސްތިއުފާ ދެއްވީ މަހިންދަ ވެސް އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ޚަބަރު ފެތުރިފައިވަނިކޮށެވެ. ނަމަވެސް ބޮޑުވަޒީރުގެ އޮފީހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ލަންކާގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ޓަކައި އެގައުމުން ސޯޝަލް މީޑިއާ ބްލޮކް ކުރުމުން، އެ ނިންމުމާ ދެކޮޅަށް މިއަދު ނަމާލް ވާހަކަދެއްކެވިއެވެ.

ނަމާލް މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވަނީ ސޯޝަލް މީޑިއާ ބްލޮކް ކުރަން ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވީޕީއެން ބޭނުން ކުރެވޭތީ އެފަދަ ފިޔަވަޅުތަކުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، އެ ނިންމުން ބަދަލު ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ނަމާލް ސްޓޭޓް މިނިސްޓާ އޮފް ޓެކްނޮލޮޖީގެ މަގާމުގައި ހުންނަވައިގެން އެފަދަ ޓުވީޓެއް ކުރެއްވުމުން އޭނާއަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވިއެވެ.

ލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށީ އެގައުމުގެ އިޤްތިޞާދު އިނދަޖެހި، ކާނާ އާއި ތެޔޮ ފަދަ އަސާސީ ތަކެތި ލިބުން ދަތިވެފައި ވަނިކޮށެވެ. އަދި އޭގެ ސަބަބުން އެގައުމުގައި ކޮންމެ ދުވަހަކު ވެސް ގިނަ އިރު ކަރަންޓު ކަނޑަން ޖެހި، ދަތުރުފަތުރާއި އާންމު ވިޔަފާރިއަށް ވެސް ބުރޫ އަރާފައިވަނިކޮށެވެ.

އެ މުޒާހަރާތަކުގެ ސަބަބުން ލަންކާ ސަރުކާރުން ވަނީ ހުކުރު ދުވަހުގެ ރޭ ކުއްލި ހާލަތު އިޢުލާންކޮށްފައެވެ. އަދި މާދަމާ ހެނދުނާ ޖެހެންދެން ކާފިއު ވަނީ ހިންގާފައެވެ.