04 Apr 2022, 01:33
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޓޮޓެންހަމުން ލީގު ތާވަލްގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.
މިރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.
މެޗަށް ނިކުތްއިރު ޓޮޓެންހަމް އޮތީ 51 ޕޮއިންޓާއެކު ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ނިއުކާސަލް އިންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފެބިއަން ޝާއެވެ.
އޭގެ ހަތަރު މިނެޓު ފަހުން ޓޮޓެންހަމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސޮން ހުއެން-މިން ދިން ބޯޅައަކުން ބެން ޑިވިއެސްއެވެ. ފުރަަތަމަ ހާފު ނިމިފައިވަނީ 1-1 އިން ދެ ޓީމު ވެސް އެއްވަރު ވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން މެޗުގެ 48 ވަނަ މިނެގައި ހެރީ ކޭން ދިން ބޯޅައަކުން ޓޮޓެންހަމަށް ލީޑު ނަގައިދިނީ މެޓް ޑޮހާޓީއެވެ. އޭގެ ހަ މިނެޓު ފަހުން މެޗުގެ 54 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިނީ ސޮންއެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ހަތަރު ވަނަ ލަނޑު ޖަހަދިނީ އެމާސަން ރޯޔަލްއެވެ.
ޓޮޓެންހަމްގެ ފަހު ލަނޑު މެޗުގެ 83 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޓީވެން ބާގްވެއިންއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ލޫކަސް މޮރާގެ އެހީތެރިކަމާއެކުއެެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއައެކު ޓޮޓެންހަމުން ވަނީ ލީގު ތާވަލ؛ްގެ ކުރިއަށް ޖެހިލައިފައެވެ. ކުޅުނު 30 މެޗުން ޖުމުލަ 54 ޕޮއިންޓާްއެކު އެ ޓީމު އޮތީ ހަތަރު ވަނައިގައެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބެނީ 72 ޕޮއިންޓެެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 59 ޕޮއިންޓާއެކުއެވެ.