03 Apr 2022, 22:40
ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ކުރިން ހުރި ނެދަލޭންޑްސްގެ ރެނޭ ހިޑިންކަށް 2.9 މިލިއަން ރުފިޔާ ދެއްކުމަށް (187,375 ޑޮލަރު) ފީފާއިން އަންގައިފިއެވެ.
މިގޮތަށް އަންގާފައިވަނީ މިިދިޔަ އަހަރު މަގާމުން ވަކިކުރި ގޮތުގެ މައްސަލަ ފީފާ ޓްރިބިއުނަލްއަށް ރެނޭ ހުށަހެޅުމުން އެކަން ބެލުމަށް ފަހުއެވެ.
ރެނޭ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ 2020 ވަނަ އަހަރުއެވެ. އޭނާގެ އިތުރުން އެ އަހަރު ވަނީ ގައުމީ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވެސް ހަމަޖައްސާފައެވެ. އޭގެ އެއް އަހަރު ފަހުން މިފިޔަ އަހަރު ވަނީ ރެނޭގެ ކޮންޓްރެކްޓް އިތުރު ތިން އަހަރަށް އިތުރުކޮށްފައެވެ.
ރެނޭ ފީފާ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ފީފާ ޓްރިބިއުނަލްގެ ރިޕޯޓްގައި ބަޔާންކޮށްފައިވަނީ ޖޫން 23، 2021 ގައެވެ.
ރެނޭ ފީފާ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ އެކަށީގެންވާ ނޯޓިސް އެއް ވެސް ދިނުމެއް ނެތި އޭނާ ވަޒީފާ އިން ވަކިކުރި ކަމަށް ބުނެއެވެ. މި މައްސަލައިގައި ފީފާއިން ގޮތް ނިންމާފައިވަނީ ޖެނުއަރީ 11 ވަނަ ދުވަހު އޭނާއާ އެއްކޮޅަށެވެ.
ފީފާގެ ޗީފް ލީގަލް އެންޑް ކޮމްލްޕަލަޔަންސް އޮފިސަރު، އެމިލިއޯ ގާސިއާ ސޮއިކުރައްވައި އާންމުކުރި ރިޕޯޓްގައިވަނީ އެފްއޭއެމުން ރެނޭ އަށް ފައިސާ ދައްކަންޖެހޭ ގޮތުގެ ތަފްސީލެއް ހިމަނާފައެވެ.
ފީފާއިން އަންގާފައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ޖޫން މަހުގެ ފަހު ހަފުތާގެ މުސާރައިގެ ގޮތުގައި 1,375 ޑޮލަރު ރެނޭއަށް ދޭން ޖެހޭނެ ކަމަށެވެ. އަދި އެ އަހަރުގެ ޖުލައި މަހުން 2024 ވަނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި 170,500 ޑޮލަރު ދޭންޖެހޭނެ ކަމަށެވެ. މި އަދަދަކީ ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ދޭން ޖެހޭ 5،500 ޑޮލަރު ޖުމްލަ އެއްކޮށް ކޮންޓްރެކްޓްގެ ބާކީ މުއްދަތަށްވާ 31 މަހަށް ބަހާލުމުން ދޭން ޖެހޭ އަދަދެކެވެ.
އަދި ރެނޭގެ ޕޮކެޓް މަނީގެ ގޮތުގައި އެފްއޭއެމް އިން އޭނާއަށް ދޭން ޖެހޭ ފައިސާއިން 15،500 ޑޮލަރު ދިނުމަށް ވެސް އަންގާފައިވެއެވެ. ޕޮކެޓް މަނީގެ ގޮތުގައި ދޭން ޖެހޭ 500 ޑޮލަރު ވެސް ބަހާލާފައިވަނީ ކޮންޓްރެކްޓްގެ ބާކީ އޮތް މުއްދަތަށެވެ.
އެ ރިޕޯޓުގައިވާ ގޮތުން ރެނޭގެ ކޮންޓްރެކްޓް އުވާލަން ޖެހުނު ސަބަބެއްގެ ގޮތުގައި އެފްއޭއެމުން ބެނެފައިވަނީ ކޮވިޑް 19 ގެ ސަބަބުން ދިމާވި މާލީ ދަތިތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ހިންގުން ރީސްޓްރަކްޗާ ކުރުމަށް ގެނެވޭ ބަދަލުގެ ތެރެއިންނެެވެ. ނަމަވެސް، ކޮންޓްރެކްޓް އާ ކުރިތާ ތިން މަސް ފަހުން، ކޮވިޑްގެ ހާލަތާ ހެދި ކޮންޓްރެކްޓް އުވާލެވޭނެ މަގުބޫލު ސަބަބެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
އެފްއޭއެމުން ރެނޭ އަށް ދޭން ޖެހޭ ފައިސާ ނުދީފިނަމަ، ފީފާއިން ދޭ ޑިވެލޮޕްމަންޓް ފަންޑުގެ ވަކި އިންސައްތައެއް މަދުވާނެކަމަށްރިޕޯޓްގައިވަނީ ބަޔާންކޮށްފައެވެ.