03 Apr 2022, 19:48
ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް އެއީ ތެދެއް ނޫން ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ލަންކާގެ ނިއުސް ފަސްޓް ނޫހުގައިވާ ގޮތުން މަހިންދަ އިސްތިއުފާ ދެއްވާނެ ކަމަށް ބުނާ ރިޕޯޓުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް ބޮޑުވަޒީރުގެ މީޑިއާ ސެކްރެޓަރީ ވަނީ އެ ނޫހަށް ވިދާޅުވެފައެވެ.
މަހިންދަ މަގާމުން އިސްތިއުފާ ދެއްވަން ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް ސިޓީ އަރުވައިފައިވާ ކަމަށް އެގައުމުގެ ޑެއިލީ މިރާ ނޫހުގެ ނޫސްވެރިޔަކު ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މަހިންދަ އިސްތިއުފާ ދެއްވަން ނިންމެވީ ސަރުކާރުގެ ހަމަޖެހުމަށާއި ގައުމު ހިންގުމައިގެން ކުރިއަށް ދިޔުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
ޑެއިލީ މިރާ ނޫހުން މީގެ ކުރިން ވަނީ ސަރުކާރުގެ އެލަޔަންސްގައި ހިމެނޭ ޕާޓީތަކުން މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ގައުމުގެ ސިޔާސީ ހަމަޖެހުމަށް ޓަކައި، އައު ބޮޑުވަޒީރަކާއެކު އިންތިގާލީ ސަރުކާރެއް ގާއިމު ކުރަން އެ ބައްދަލުވުމުގައި ބައެއް މެންބަރުން ހުށަހަޅާފައިވާ ކަމަށް ޑެއިލީ މިރާގައިވެއެވެ.
މީގެ އިތުރުން، އެ ހުށަހެޅުމަށް މަހިންދަ އާއި ގޮތަބަޔަ ވެސް ތާއިދު ކުރެއްވި ކަމަށާއި އެ ބޭފުޅުން ނިންމެވީ މަހިންދަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ން އާ ބޮޑުވަޒީރަކު އައްޔަނު ކުުރުމަށް ކަމަށް އެ ނޫހުގައިވެއެވެ.
މަހިންދަ އިސްތިއުފާ ދެއްވަން ނިންމެވީ ލަންކާގެ ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެ މުޒާހަރާތައް ފެށީ އެގައުމުގައި އިޤްތިޞާދު ހުއްޓުމަކަށް އައިސް، ކާނާ އާއި ތެޔޮ ފަދަ އަސާސީ ތަކެތި ލިބުން ދަތިވެފައި ވަނިކޮށެވެ. އަދި އޭގެ ސަބަބުން އެގައުމުގައި ކޮންމެ ދުވަހަކު ވެސް ގިނަ އިރު ކަރަންޓު ކަނޑަން ޖެހި، ދަތުރުފަތުރާއި އާންމު ވިޔަފާރިއަށް ވެސް ބުރޫ އަރާފައިވުމުންނެވެ.
އެ މުޒާހަރާތަކުގެ ސަބަބުން ލަންކާ ސަރުކާރުން ވަނީ ހުކުރު ދުވަހުގެ ރޭ ކުއްލި ހާލަތު އިޢުލާންކޮށްފައެވެ. އަދި މާދަމާ ހެނދުނާ ޖެހެންދެން ކާފިއު ވަނީ ހިންގާފައެވެ.
އެހެންނަމަވެސް ލަންކާގެ ރައްޔިތުން ވަނީ މުޒާހަރާތައް ހުއްޓާލަން ދެކޮޅު ހަދާފައެވެ. އެގޮތުން މިއަދު ވެސް އެގައުމުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތައް ބާއްވާފައިވެއެވެ.