18 Mar 2012, 13:47
މުޅި ރާއްޖެއަށް ޓެރެސްޓްރިއަލް ޓީވީ އާއި ރޭޑިއޯގެ ހިދުމަތް ދިނުމަށް އާ ފްރީކުއެންސީތަކެއްގެ ބީލަން މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން ހުޅުވައިލައި، ބީލަން ފޮތްތައް ވިއްކަން ފަށައިފި އެވެ. އެ ކޮމިޝަނުން މިފަހަރު ބީލަމަށް ލާފައިވަނީ ތިން ޓީވީ ޕްރިކުއެންސީއާއި ރޭޑީއޯގެ ހަތަރު ފްރިކުއެންސީ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނާސިހު މިއަދު ވިދާޅުވީ ބީލަން ފޮތްތައް މިއަދުން ފެށިގެން އެ ކޮމިޝަނުން ގަންނަން ލިބޭނެ ކަމަށާއި ބީލަން ފޮތެއްގެ އަގަކީ 1000ރ. ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަނަށް ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ.
ނާސިހު ވިދާޅުވި ގޮތުގައި ބީލަންތަކުގައި ބައިވެރިވެވޭނެ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވާއިދުގައި ކަނޑައެޅިފައިވާއިރު މިހާރު ވެސް މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ފްރީކްއެންސީއެއް ލިބިފައިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ކަމަށެވެ. އަދި އަލަށް ދޫކުރާ ފްރީކްއެންސީތައް ބީލަމުން ކާމިޔާބު ކުރާ ފަރާތަކަށް ރާއްޖޭގެ ވަކި ސަރަހައްދަކަށް ބްރޯޑްކާސްޓްކުރުމަށް ފްރީކުއެންސީއެއް ލިބިފައިވާނަމަ އެފްރީކުއެންސީ ދޫކޮށްލަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މުޅިރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ފްރީކުއެންސީއެއް އޮތް ފަރާތަކަށް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެ. އަނެއްކޮޅުން ރާއްޖޭގެ ވަކިސަރަހައްދަކަށް ބްރޯޑްކާސްޓްކުރަން ލިބިފައިވާ ފްރީކުއެންސީ ބީލަން ކާމިޔާބުވުމުން ދޫކޮށްލަން ޖެހޭނެ،" ނާސިހު ވިދާޅުވި އެވެ.
ރޭޑިއޯ ފްރީކުއަންސީގެ ބީލަން ފެށޭ އަގު ނުވަތަ މިނިމަމް އެކުއިޒިޝަން ފީ އަކީ ފަންސާސް ހާސް ރުފިޔާ އެވެ. އަދި ޓީވީ ފްރީކުއަންސީގެ މިނިމަމް އެކުއިޒިޝަން ފީ އަކީ އެއް ލައްކަ ރުފިޔާ އެވެ.