އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ހާލަތު ގޯހުން ގޯހަށް ހިނގައްޖެކަމުގެ ރަނގަބީލަކަށް ވީ މީގެ މަހެއްހާ ދުވަސް ކުރިން އެ ގައުމުގައި ފެށި މުޒާހަރާތަކެވެ. އާންމުންގެ ކެއްތެރިކަން ކޮޅުންލީ ތެލާއި، އެހެނިހެން އަސާސީ ބާވަތްތައް ހޯދުމަށް އާންމުން ކިޔޫ ޖެހެން ޖެހުމުންނެވެ.

މިދިޔަ މަހުންސުރެ ފެށިގެން އެކި ގަޑިތަކުގައި ކަރަންޓު ކެނޑެން ވެސް ވަނީ ފަށާފައެވެ. މިދިޔަ ހަފުތާގައި އެ ގައުމުގެ ސިލޯން އިލެކްޓްރިސިޓީ ބޯޑުން ވަނީ ދުވާލަކު 10 ގަޑިއިރު ކަރަންޓު ކަނޑާލާނެ ކަމަށް އަންގާފައެވެ. އެހެން ނަމަވެސް، އޭގެ އަނެއް ދުވަހު ވެސް 13 ގަޑިއިރަށް ވަނީ ކަރަންޓު ކެނޑިފައެވެ.

ސްރީލަންކާގެ އަމަން ބެލެހެއްޓުމަށްޓަކައި ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ/އޭޕީ

ދަތިތައް އިތުރުވީ ވަރަކަށް މުޒާހަރާތައް ވީ ވަރުގަދައެވެ. އެންމެ ފަހުން، މުޒާހަރާތައް ހުއްޓުވުމަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުއްލި ނުރައްކާ އިއުލާނުކޮށް، އިއްޔެއިން ފެށިގެން މާދަމާއަށް ކާފިއު ވަނީ އިއުލާނުކޮށްފައެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ. ވިޔަފާރި އާއި އެހެނިހެން ގުޅުންތަކުގެ ގާތްކަމަށް ބަލާއިރު އެއީ ދިވެހީންގެ ދެވަނަ ވަޒަނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މި އުނދަގޫ ހާލަތުގައި އެ ގައުމުގައި ތިބި ދިވެހީން މި ރޯދަ މަހާ ކުރިމަތިލާއިރު ގިނަ ތަކުލީފުތަކަކާއި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އެންމެ ބޮޑީ ކަރަންޓާއި އިންޓަނެޓުގެ ދަތިކަން

މީގެ ދެމަހެއްހާ ދުވަސްކުރިން ލަންކާއަށް ދިރިއުޅުން ބަދަލުކުރި އައިޝާ (އަސްލު ނަމެއްނޫން) ބުނި ގޮތުގައި މިވަގުތު އެންމެ ބޮޑު ދައްޗަކީ ކަރަންޓު ނުލިބުން ކަމަށެވެ.

"ދަންވަރު ނިދާ ގަޑީގައި ކަރަންޓު ނުލިބިއްޖެއްޔާ ވަރަށް އުނދަގޫ. އެކަމަކު އެގަޑީގައި ދަނީ ވަރަށް މަދު ދުވަހެއްގައި" އޭނާ ބުންޏެވެ.

އައިޝާ ބުނީ ސްކޫލުކުދިންގެ ކިޔެވުން ކުރިއަށް ދިޔަ ކަމުގައި ވިޔަސް އެ ކުދިން ވެސް ސްކޫލުގައި ތިބެނީ ކަރަންޓު ނެތި، ހޫނުގައި ކަމަށެވެ.

މީގެ އިތުރުން ކާފިއުގެ ސަބަބުން ބޭރަށް ނުކުމެ އުޅުމަށް ދަތިވެފައި ވުމަކީ ވެސް އޭނާއަށް ކުރިމަތިވެފައިވާ އުނދަގުލެކެވެ.

"ބޭނުން ގަޑިއަކު ނުކުމެލާފަ އެއްޗިހި ނުގަނެވޭތީ ވެސް އުނދަގޫވޭ. އެކަމަކު މިއަދު ވެސް ބާޒާރުނުކޮށް، ހުރި އެއްޗަކުން ކައްކައިގެން ރޯދަ ވީއްލަން ތައްޔާރު ވެގެން މިތިބީ" އައިޝާ ބުންޏެވެ.

ސްރީލަންކާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން --- ފޮޓޯ/އޭޕީ

ލަންކާގައި ޕައިލެޓް ތަމްރީނަށް ގޮސް ހުރި އަހްމަދު (އަސްލު ނަމެއް ނޫން) އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކުރީ އިންޓަނެޓު ލިބުން ދަތިވުމެވެ.

މުޒާހަރާތައް ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ވެސް ހުރަސްތަކެއް އަޅާފައެވެ.

"ފޭސްބުކް، ވައިބާ، ވަޓްސްއެޕް ދެން މިހެންގޮސް ރާއްޖެއަށް ގުޅަން އާންމުކޮށް ބޭނުންކުރާ ހުރިހާ އެއްޗެއްވެސް ޑައުންކޮށްލާ ހަމަ އިރުއިރުކޮޅުން" އޭނާ ބުންޏެވެ.

މީގެ އިތުރުން، ކަރަންޓު ކެނޑޭ ގަޑި ތަކުގައި ފޯނަށް ރޭންޖު ހޯދުން ވެސް ވަނީ އުނދަގޫކަމަކަށް ވެފައެވެ.

"އެންޓަނާތަކުން ވެސް ކަރަންޓު ކެނޑޭތީ ކަންނޭނގެ، ހަމަ [ކަރަންޓު] ކަނޑާލާއިރަށް ރޭންޖު ދާނެ. ދެން ކުޑަދޮރުން ބޭރަށް ފޯނު ދިއްކޮށްގެން ކިރިޔާ ފިތެއް ލިބޭ ވަރުވާނީ" އަހުމަދު ބުންޏެވެ.

ކިޔެވުން ހުއްޓިދާނެ ކަމުގެ ބިރު ހީވެފައި

އަހުމަދު ބުނިގޮތުގައި ކަންތައްތައް މިހާރު ހުރި ގޮތުން ކިޔެވުމަށް ހުއްޓުން އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެ ބިރު އެބައޮތް، މިހާރު ވެސް ގިނަ ތަންތަން ބަންދުކޮށްފަ ހުރީ ބައެއް ތަންތަނުގެ ކިޔެވުން ކުރިއަށް ގެންދިޔަ ކަމުގައި ވިޔަސް" އޭނާ ބުންޏެވެ.

ކަރަންޓު ދިޔުމާއި، އިންޓަނެޓު ނެތުން ފަދަ މައްސަލަތަކުގެ ސަބަބުން މިހާރު ވެސް ކިޔެވުމަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އަހުމަދު ބުންޏެވެ.

"ދުވާލު މިދަނީ ކޮލެޖަށް، ދެން ކޮންމެ ރެޔަކު ކިޔަވަން ލިބޭ ވަގުތުކޮޅުގައި ކަރަންޓު އެ ދަނީ އެހެންވީމަ ވަރަށް އުނދަގޫ ފިލާވަޅުތައް ދަސްކުރަން," އޭނާ ބުންޏެވެ.

ސްރީލަންކާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން --- ފޮޓޯ/އޭޕީ

އަހްމަދާއެކު ލަންކާގައި ގިނަ ދިވެހީންތަކެއް ދަނީ ޕައިލެޓުކަން ކިޔަވަމުންނެވެ. އޭގެ ތެރޭގައި އައްޑޫ އޭވިއޭޝަން އެކަޑަމީއިން ތަމްރީނު ފުރިހަމަ ނުކުރެވިގެން ލަންކާއަށް ދިޔަ ބައެއް ދަރިވަރުން ވެސް ހިމެނެއެވެ.

ލަންކާގެ ހާލަތު އިތުރަށް ގޯސްވެފައިވާ އިރު އަހްމަދާއި، އައިޝާ ފަދައިން، އެގައުމުގައި ތިބި ދިވެހިން އުންމީދުކުރަނީ ވީހާވެސް އަވަހަކަށް ހާލަތު އަލުން ރަނގަޅުވުމަށެވެ. ހާއްސަކޮށް އެ ގައުމުގައި ތިބި ކިޔަވާކުދިންގެ ކިޔެވުމަށް ދައްޗެއް ނާންނާނެކަމަށް ކުރެވޭ އުންމީދު ބޮޑެވެ.