03 Apr 2022, 15:09
މި ރޯދަމަހު މިރުސް ލިބޭ މިންވަރު މަދު ކަމަށާއި، މިހާރު ހުރި ވަރަށް ވުރެ އަގު ދަށް ވެދާނެ ކަމަށް ލަފާ ނުކުރެވޭކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.
މާލެއަށް ކަނޑޫދޫ މިރުސް ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިޔަކު "ސަން"އަށް ބުނީ މި ރޯދަމަސް ހޫނު މޫސުމާ ދިމާވުމުން، މިރުސް ލިބުން ދަތިވެފައިވާ ކަމަށެވެ.
"ވާރޭ ވެހެންޏާ މިރުސް ހަރުވޭ އަވަހަށް. މިހާރު ވާރޭ ނުވެހޭތާ ދުވަސްކޮޅެއް ވެއްޖެތާ ރާއްޖެއަށް. އެހެންވީމަ އެހާ މަދުކޮށް މިއުޅެނީ" އޭނާ ބުންޏެވެ.
އޭނާ ބުނީ ރޯދަމަހާ ދިމާކޮށް އެންމެ ބޮޑު ޝިޕްމަންޓެއް އައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަަށެވެ. އެދުވަހުވެސް އައީ 600 އެއްހާ ކިލޯގެ މިރުސް ކަމަށާއި، އޭގެ ފަހުން މިހާތަނަށް އަންނަނީ 100 ކިލޯއާއި 150 ކިލޯގެ ޝިޕްމަންޓުތައްކަމަށް އޭނާ ބުންޏެވެ.
"ފަސް ސަތޭކަ ރުފިޔާއަށް މިގަންނަނީ މިހާރު، ދެން ލޯންޗު ނާލާއެކު 515ވަރު ޖެހޭނެ ކިލޯއަކަށް. ދެން ބާޒާރުގައި އެއަށް ފައިދާއެއް ލައިގެންތާ ވިއްކޭނީ" އޭނާ ބުންޏެވެ.
އޭނާ ބުނީ މޫސުން މިގޮތަށް އޮންނަ ނަމަ، އަގުތައް ދަށް ވެދާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
ކަނޑޫދޫ މިރުހަކީ އާންމުކޮށް ރޯދަޔާ ދިމާކޮށް އަގު ވަރަށް މައްޗަށްދާ ބާވަތެކެވެ. 2019 ވަނަ އަހަރުގެ ރޯދަ މަހު އެ މިރުހުގެ ކިލޯއެއްގެ އަގު 1300 ރުފިޔާއަށް އެރިއިރު، ޖެހިގެން އައި އަހަރު އޭގެ އަގު 2300 ރުފިޔާއަށް ވެސް އެރިއެވެ.
ނަމަވެސް، މިދިޔަ އަހަރު ގިނަ އަދަދެއްގެ މިރުސް މާރުކޭޓަށް ނެރެވުމާއެކު، އަގު އުޅުނީ ވަރަށް ދަށުގައެވެ. އެ އަހަރުގެ ރޯދަމަހުގެ ތެރޭ މިރުސް ކިލޯއެއްގެ އަގު 150 ރުފިޔާއާއި 250 ރުފިޔާއާ ދެމެދަށް ވެސް ވެއްޓުނެވެ.
މިއަހަރުގެ ރޯދަމަސް ފެށުމުގެ ފަނަރައެއްހާ ދުވަސް ކުރިން ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 200 ރުފިޔާއާއި، 300 ރުފިޔާއާއި ދެމެދުއެވެ. މިހާރު އޭގެ ކިލޯއެއް ލިބެނީ 650 ރުފިޔާއާއި، 700 ރުފިޔާ ދެމެދުގެ އަގެއްގައެވެ.
ރޯދަމަހަކީ ގިނަ އަދަދެއްގެ ކާބޯތަކެތި ގަންނަ ދުވަސްވަރަކަށް ވާތީ އެ މަހާ ދިމާކޮށް ބައެއް ބާވަތްތަކުގެ އަގު އުފުލުމަކީ އާންމުކަމެކެވެ.