04 Apr 2022, 12:03
"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ ތިންވަނަ ދުވަހު ގެނެސްދޭ ޑިޝްއަކީ ޝަކްޝުކާއެވެ. މިއީ ރޯދަ ވީއްލާ ގަޑީގައި ވެސް އަދި ތަރާވީހް ކެއުމަށްވެސް ވަރަށް ކަމުދާނެ ޑިޝްއެކެވެ.
ބޭނުވާނެ ތަކެތި:
1 ފިޔާ (ބޮޑު)
- 3 ލޮނުމެދު
- 1 ޕީލްޑް ޓޮމާޓޯ ބޮޑު ދަޅު (މިކްސްޗަރުން ހިމުން ކޮށްފައި)
- 1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
- 2 ކެޕްސިކަމް (ބަދަލުގައި ބެލްޕެޕާ ބޭނުން ކުރެވިދާނެ)
- ރަހަލާވަރަށް ލޮނު
- 1 ސައިސަމުސާ އަސޭމިރުސް
- ބައި ސައިސަމުސާ ދިރި
- 1 ސައިސަމުސާ ހަކުރު (ޓޮމާޓޯގެ ޒަވި ރަހަ ކަނޑުވަން)
- 5 ބިސް
- އޮލިވް އޮއިލް
- ބައި ސައިސަމުސާ އޮރިގާނޯ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ، ތަވަޔަށް ތެޔޮ ފޮދެއް އެޅުމަށްފަހު، ކޮށާފައިވާ ފިޔާކޮޅު އަޅާލާނީއެވެ.
ފިޔާކޮޅު ކުޑަކޮށް ވަޅޯކޮށްލުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ލޮނު އަޅާނީއެވެ.
ފިޔާކޮޅު ވަޅޯވުމުން ލޮނުމެދާއި ކެޕްސިކަމް އަޅައި އެއްކޮށްލާނީއެވެ. ތެޔޮ މަދުހެން ހީވާނަމަ، އަލުން ކުޑަ ތެޔޮކޮޅެއްވެސް އަޅާލެވިދާނެއެވެ.
އޭގެ ފަހުން އަސޭމިރުސް، ދިރި، އޮރިގާނޯ އަދި ލޮނު އަޅައި އެއްކޮށްލާނީއެވެ.
އެއަށްފަހު ޕީލްޑް ޓޮމާޓޯ އާއި ޓޮމާޓޯ ޕޭސްޓް އަޅާނީއެވެ. ޓޮމާޓޯގެ މައްޗަށް ހަކުރު އަޅައި ކުޑައިރުކޮޅަކު ކައްކާލަން ވާނެއެވެ. އަދި މަތިޖަހާފައި އިރުކޮޅަކު ބަހައްޓާނީއެވެ.
ޓޮމާޓޯގެ ރޯރަހަ ކެނޑޭވަރަށް ކައްކާލެވުމުން، ރަހަބަލާފައި ބިސް އަޅާނީއެވެ. ތަވާގެ އެކި ދިމާއަށް ބިސް އެޅުމަށްފަހު، އެ ހުރި ގޮތަށް މަތިޖަހާނީއެވެ.
ބައެއް މީހުންނަށް ޝަކްޝުކާ ކަމުދާނީ ހަރުކޮށް ހުރީމައެވެ. އަނެއްބަޔަކަށް ރަނގަޅީ ކުޑަކޮށް ދިޔާކޮށް ހުރީމައެވެ. އެހެންކަމުން އެމީހަކަށް ކަމުދާ މިންވަރަކަށް ކައްކާލެވުމުން ހުންނާނީ ޝަކްޝުކާ ތައްޔާރުވެފައެވެ.
މިއީ ހުހަށް ވެސް އަދި ޕާނާ އެއްކޮށް ވެސް ކާލަން ރަނގަޅު ޑިޝްއެކެވެ.
ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ:އެސްޓީއޯ
ލޮކޭޝަން ޕާޓްނާ:ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް:ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން:ޢަލީ ޝާމިން، މުޙައްމަދު ޝަފީއު
ޓްރެވަލް ޕާޓްނާ:ހޯޕް ޓްރެވަލްސް
ރެސިޕީ ތައްޔާރުކުރީ:އައިމިނަތު ނަޒްލާ
'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްދީފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.