03 Apr 2022, 14:47
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އެންގެވުމަށް އެގައުމުގެ ޕާލިމެންޓު މިއަދު ކުއްލި ގޮތަކަށް އުވާލައިފިއެވެ.
ޕާކިސްތާނުގެ ޕާލިމެންޓު އުވާލާފައި ވަނީ، ބޮޑުވަޒީރަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގަން މިއަދު ތާވަލުކޮށްފައި އޮއްވައެވެ. ނަމަވެސް ޕާލިމެންޓުގެ ނައިބު ރައީސް އަދި ވެރިކަން ކުރާ ޕާޓީގެ މެންބަރެއް ކަމަށްވާ ގާސިމް ޚާން ސުރީ ވަނީ އެ ވޯޓުގެ ފަހަތުގައި ބޭރުގެ ބަޔެއްގެ ނުފޫޒު އޮތް ކަމަށް ވިދާޅުވެ، ވޯޓު ބާއްވަން ދެކޮޅު ހައްދަވާފައެވެ.
އޭގެ ފަހުން އިމްރާން ޚާން ދެއްވި ތަގުރީރެއްގައި އޭނާ ވަނީ ޕާލިމެންޓު އުވާލަން ރައީސަށް ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް އާންމު އިންތިޚާބެއް ބާއްވާނެތީ ރައްޔިތުން އެކަމަށް ތައްޔާރުވުމަށް އިމްރާން ޚާން ގޮވާލެއްވިއެވެ.
އިމްރާން ޚާނަށް އިތުބާރުއޮތްތޯ ބެލުމުގެ މައްސަލަ ޕާލަމެންޓަށް ހުށަހަޅާފައިވަނީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީ، ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން)އާއި ޖަމްއިއްޔަތު އުލަމާއުލްއިސްލާމް ޕާޓީންނެވެ. އެ ވޯޓަށް، ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އިން ވެސް ވަނީ ތާއިދުކޮށްފައެވެ.
މީގެ އިތުރުން، ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތަކާއި ބޮޑުވަޒީރުގެ ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ ފާއިތުވި ދުވަސްތަކުގައި އިދިކޮޅާ ގުޅިފައެވެ.
އެ ޕާޓީތަކުން ވަނީ އިމްރާން ޚާންގެ ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމަށާއި ގައުމުގެ އިޤްތިޞާދު ނަގަހައްޓަން ސަރުކާރު ނުކުޅެދިފައިވާ ކަމަށް ބުނެފައެވެ.
އެ ވޯޓު ނުބާއްވަން ނިންމުމުން ޕީޕީޕީގެ ޗެއާމަން ބިލާވަލް ބުއްޓޫ ޒަރުދާރީ ވަނީ ވޯޓު ނަގަންދެން ޕާލިމެންޓުގައި މަޑުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން އިމްރާން ޚާން ވަނީ، އިދިކޮޅުން އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރަނީ އެމެރިކާއާ ގުޅިގެން ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެމެރިކާއިން އެ މަސައްކަތުގައި ބައިވެރި ވަނީ އޭނާގެ ސަރުކާރުން މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.