ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަން ކުރައްވާނެ ބޭފުޅަކާ ބެހޭ ގޮތުން ސަރުކާރާ އިއްތިހާދުވެފައިވާ ސިޔާސީ ޕާޓީތަކުގެ ލަފާ ރައީސް ހޯދައްވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ޖޭއެސްސީއަށް ރައީސްގެ މެންބަރަކު އައްޔަން ކުރުމާމެދު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސް ވަހީދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ކުރިއަށް އޮތް ހަފުތާތެރޭގައި ރައީސް ޖޭއެސްސީއަށް މެންބަރަކު އައްޔަން ކުރައްވާނެ ކަމަށެވެ.

ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު 10 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ވަނީ ހުސްވެފަ އެވެ. ކުރިން އެ މަގާމުގައި ހުންނެވީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދާއި ކްރިމިނަލް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައި ކޯޓްގެ ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ގާސިމް އިބްރާހިމާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން އާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު އާއި އާންމުންގެ ތެރެއިން ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ ޝައިހް ޝުއިބް އަބްދުއްރަހްމާންގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅުއްވާފައިވާ އަހުމަދު ރަޝީދެެވެ.

ޖޭއެސްސީއަކީ ޝަރުއީ ކޯޓްތަކުގެ ފަނޑިޔާރުންނާއި އެ ކޯޓްތަކުގެ މަސައްކަތުގެ ފާރަވެރި ފަރާތެވެ. ކުރީގެ ސަރުކާރާއި އެމްޑީޕީން އެންމެ ގިނަ ފާޑުކިޔުން އަމާޒު ކޮށްފައި ވަނީ ކޯޓްތަކަށާއި ޖޭއެސްސީ އަށެވެ.