އަޅުގަނޑު މިއަދު ތިބޭފުޅުންނާ މުޚާތަބުކޮށް އެއްޗެއް ދަންނަވާލާނީ ﷲ ސުބްހާނަހޫވަތަޢާލާގެ ކުޅަދުންވަންތަކަމާއި ﷲސުބްހާނަހޫވަތަޢާލާގެ ޤުދުރަތްތެރިކަމާމެދު ސުވާލުއުފެދޭ ބަޔަކަށް، ކީރިތި ޤުރުއާނުގައި ގެންނަވާފައިވާ ވަރަށް މަތިވެރި މިސާލަކާ ބެހޭގޮތުންނެވެ.

ﷲގެ އަޅުތަކުންގެ ތެރެއިން ބޭކަލަކު ނުވަތަ އަޅަކު ރަށެއްގެ ކައިރިން ވަޑައިގަންނަވަމުން ސުވާލު ކުރެއްވީ ﷲ ސުބްހާނަހޫވަތަޢާލާ މިރަށް ސުންނާފަތިވެ، ޚަރާބުވެގެން ދިއުމަށް ފަހު އަލުން އަނބުރާ މިރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހައްދަވާނީ ކިހިނެއްތޯއެވެ. ﷲގެ ކުޅަދުންވަންތަވެރިކަމާ ބެހޭ ގޮތުން އޭނާ ސުވާލުކުރެއްވިއެވެ.

އެ ސުވާލުގެ ޖަވާބު ﷲ ސުބްހާނަހޫވަތަޢާލާ ކީރިތި ޤުރުއާނުގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 259ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައި ވަނީ، ﷲ ސުބުހާނަހޫވަތަޢާލާ އެ ބޭފުޅަކަށް ދެއްކެވުމަށްޓަކައި އެބޭފުޅެއްގެ މަރު ހިއްޕެވުމަށް ފަހުގައި 100 އަހަރު ފަހުން އަނެއްކާ ދިރުއްވެވި ކަމަށެވެ.

ދިރުއްވުމަށްފަހު ﷲ ސުބްހާނަހޫވަތަޢާލާ އެ ބޭކަލަކާ ސުވާލުކުރެއްވީ ތިބާ މަރުވެފައި އޮތީ ކިތައް އަހަރުވަންދެންތޯއެވެ. އޭނަ ދެންނެވީ ތިމަންނަ މަރުވެފައި އޮތީ އެއްދުވަސް ނޫނީ ދުވަހެއްގެ ބައެއްގަކަމަށެވެ.

އެހެންނަމަވެސް ﷲ ސުބްހާނަހޫވަތަޢާލާ ވަހީކުރައްވަނީ ނޫނެކެވެ! ތިބާ މަރުވެފައި އެގޮތުގައި 100 އަހަރު ދުވަސްވަންދެން އޮތެވެ! ތިބާ ގެނައި ތަކެތި، އޭގެ ތެރޭގައި ތިބާ ކާއެއްޗިއްސާއި ތިބާ އަރައިގެން އައި ހިމާރާއި މިކަންތައްތަކަށް ތިބާ ބައްލަވާށެވެ! ދެން ﷲ ސުބްހާނަހޫވަތަޢާލާ އެ ބޭކަލަކަށް ދަންނަވަނީ ތިބާގެ ކާއެއްޗެހި ހުރީ ހުރިގޮތަށެވެ! އެހެންނަމަވެސް ތިބާގެ ހިމާރު އެ އޮތީ މަރުވެ ކުނިވެގެން ކަށިތަކާ އެއްޗެހި ފީވެފައެވެ.

ދެން ﷲ ސުބްހާނަހޫވަތަޢާލާ އެ ބޭކަލަކަށް މި ދަންނަވަނީ ތިމަން ﷲ ކަަންތައްތައް ކުރައްވަނީ ކޮން ގޮތަކައްތޯ ބައްލަވާށެވެ! އެ ހިމާރުގެ ކަށިތައް އެއްކުރައްވައި އެ ހިމާރަށް މަސްއަޅުއްވާ ކަންތައްތައް ކުރެއްވީ ކޮންގޮތަކައްތޯ ބައްލަވާށެވެ. އެހާ ހިސާބުން އޭނައަށް ގަބޫލުކުރެވުނު ﷲ ސުބްހާނަހޫވަތަޢާލާ ކަމަކަށް އިރާދަކުރައްވައިފި ނަމަ ކޮންމެ ކަމަކީ ވެސް ގިނަ ވަގުތުތަކެއްނުވެ ވާނެ ކަމެއްކަމެވެ. ދެން އޭނަ ދެންނެވީ ﷲ ސުބްހާނަހޫވަތަޢާލާ އަކީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހުކަން ތިމަން ގަބޫލުކޮށްފިން ކަމަށެވެ.

މި އިބްރަތުން ފުރިގެންވާ ހާދިސާއިން އެނގެނީ އަޅުގަނޑުމެންގެ ހިތުގައި ﷲގެ ކުޅަދުންވަންތަކަމާ މެދު ސުވާލު އުފެދިއްޖެ ކަމަށްވާނަމަ މިދަފަ މިސާލުތަކުން އިބްރަތް ހާސިލްކުރަން ވާނެކަމެވެ.