މޮސްކޯ (އެޕްރީލް 3): އިންޑިއާއާއި ރަޝިއާއާ ދެމެދު ހިނގާ އިޤްތިޞާދީ އަދި ވިޔަފާރީގެ މުޢާމަލާތްތަކުގައި ޑޮލަރާއި ޔޫރޯގެ ބަދަލުގައި އެ ދެގެއުމުގެ ފައިސާ ކަމަށްވާ ރުބެލް އާއި ރުޕީ ބޭނުންކުރުމަށް ނިންމާފައިވާކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސާރގީ ލާވްރޯވް ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމާލެއްވުމަށްފަހު ލާވްރޯވް ވިދާޅުވީ ޔޫކްރެއިން ހަނގުރާމާގައި އިންޑިއާ ބަލަމުންގެންދަނީ ފެންނަން ހުރި ހެކިތަކަށާއި އެކަމުގެ ފަހަތުގައިވާ ޙަޤީޤަތްތަކަށް ކަމަށާ އެމެރިކާއާއި ޔޫރަޕުން ފަތުރާ ޕްރޮޕަގެންޑާތަކަށް ނޫންކަމުގައެވެ.

މިގޮތުން ޔުކްރެއިން ހަނގުރާމައިގާ ބަޔަކު ކިޔާހާ އެއްޗަކަށް ނުބަލައި އިންޑިއާ ބުރަވެފައިވަނީ ޙަޤީޤަތްތަކުގެ މައްޗަށްކަމަށާ އިންޑިއާއަކީ ބޭރުގެ ފިއްތުންތަކަށް ދީލާލާނެ ގައުމެއް ނޫންކަން އެގައުމުން ސާބިތުކޮށްދީފިކަމަށް ލަވުރޯވް ވިދާޅުވިއެވެ.

ލާވްރޯވް އިންޑިއާއަށް ވަޑައިގެންނެވީ ޔުކްރޭން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް އިންޑިއާ އެއްބާރުލުން ނުދޭނެކަން ކަށަވަރު ކުރުމަށާއި އިންޑިއާއާއި ރަޝިއާއާ ދެމެދު ހިނގާ އިޤްތިޞާދީ އަދި ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރާއި ޔޫރަޕްގެ ޔޫރޯގެ ބަދަލުގައި އެ ދެގައުމުގެ ފައިސާ ކަމަށްވާ ރުބެލް އާއި ރުޕީ ބޭނުންކުރުމާ ބެހޭގޮތުން އިންޑިއާގެ އިސް މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށެވެ.

ލާވްރޯވް ވިދާޅުވިގޮތުގައި ދެގައުމުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރާއި ޔޫރޯގެ ބަދަލުގައި އެދެގައުމުގެ ފައިސާ ބޭނުންކުރުމުގެ މެކޭނިޒަމެއް ގާއިމް ކުރުމާބެހޭގޮތުން މާކުރިންވެސް ދެގައުމުން ވާހަކަދައްކައި ކަންކަމަށް އެއްބަސްވެފައިވާނެއެވެ. މިދަތުރުގައި އިންޑިއާގެ މަސްއޫލުވެރިންނާ ވާހަކަދެއްކެވީ އެކަން ތަންފީޒު ކުރުމާ ބެހޭގޮތުން ކަމަށާއި މިވާހަކަތައް ކާމިޔާބު ކަމަށް ލާވްރޯވް ވިދާޅުވިއެވެ.

އިންޑިއާގެ އެއާފޯސްގެ މައިގަނޑު ހަތިޔާރަކީ ރަޝިއާގެ ޓެކްނޮލޮޖީ

ރަޝިއާގެ މަރުކަޒީ ބޭންކުންވަނީ ރަޝިއާގެ މާލީ ނިޒާމާއި އިންޑިއާގެ މާލީ ނިޒާމާ އަދި ޗައިނާގެ މާލީ ނިޒާމުގެ ތެރެއިން އެތިން ގައުމުގެ ފައިސާ މާލީ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ މެކޭނިޒަމެއް ގާއިމް ކުރިކަން ހާމަކޮށްފައެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ލާވްރޯވް، އިންޑިއާއަށް ވަޑައިގެންނެވުމުގެ ކުރިންވަނީ ޗައިނާއަށް ޒިޔާރަތް ކުރައްވައި ޗައިނާއާއި ރަޝިއާ ދެމެދު ހިނގާ އިގްތިސާދީ އަދި ވިޔަފާރީގެ މުޢާމަލާތްތަކުގައި ޑޮލަރާއި ޔޫރޯގެ ބަދަލުގައި އެ ދެގެއުމުގެ ފައިސާ ކަމަށްވާ ރުބެލް އާއި ޔުވާން ބޭނުންކުރުމާ ބެހޭގޮތުން ޗައިނާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވާފައެވެ.

ލާވްރޯވް އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށާއި އެފިޔަވަޅުތަކުގެ ބާރު ކަނޑުވާލެވޭ ފަދަ ގޮތަކަށް އަމަލު ނުކުރުމަށް އިންޑިއާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށްފައެވެ. ނަމަވެސް އެދެގައުމުގެ ފިއްތުންތަކަށް އިންޑިއާ ދިލާލަފައެއް ނުވެއެވެ.

އިންޑިއާއަކީވެސް ދުނިޔޭގެ ބޮޑު ބާރަކަށްވާން މަސައްކަތްކުރާ ގައުމަކަށްވެފައި އިންޑިއާއަކީ އެމެރިކާވެސް ބަރޯސާވާންޖެހޭ ސަރަހައްދީ ބާރަކަށްވާތީ އެމެރިކާއާއި އިނގިރޭސިވިލާތަށް ބޯލެނބުމުގެ ބަދަލުގައި އިންޑިއާ އިސްކޮށްފައިވަނީ އެގައުމުގެ ގައުމީ މަސްލަހަތެވެ. ޗައިނާއާ ކުރިމަތިލުމުގައި އެމެރިކާ އިންޑިއާ ގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭތީ އާއި އިންޑިއާއަކީ ބިޔަ ގައުމެއްކަމުން އިންޑިއާއާ ދެކޮޅަށް ފިޔަވަޅެއް އަޅަން އެމެރިކާއަށް ނުކެރޭނެކަން އިންޑިއާ ދަނެއެވެ.

އިންޑިއާގެ އަސްކަރިއްޔާ ބޭނުންކުރާ ހަތިޔާރުގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ ކުރީގެ ސޮވިއެޓް ޔުނިޔަނުންނާއި ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށްފަހު ރަޝިއާގައި އުފައްދާފައިވާ ހަތިޔާރެވެ. އެތަކެތީގެ ސްޕެއާޕާޓްސް ލިބެން އަންނަނީ ހަމައެކަނި ރަޝިއާއިންނެވެ. އަދި އިންޑިއާ ވަނީ ރަޝިއާގެ މެގް އާއި ސޮޚޯއި މަރުކާގެ ހަނގުރާމަ މަތީ ޖެޓްތަކާއި ޓޭންކާއި ހެލިކޮޕްޓަރުފަދަ ބަރު ހަތިޔާރު އިންޑިއާގައި އުފެއްދުމުގެ ލައިސަންސްވެސް ރަޝިއާއިން ހޯދައި މިތަކެތި އުފައްދާ ކާރުޚާނާތައް ރަޝިއާގެ ފަންނީ އެހީގައި އިންޑިއާގައި ގާއިމުކޮށްފައެވެ. ރަޝިއާގެ އެހީތެރިކަމާ ނުލައި މިތަކެތި އިންޑިއާއަށް ނުއުފެއްދޭނެއެވެ.

އިންޑިއާ ގެންދަނީ ނިއުކްލިޔާ ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީފަދަ މަތީފެންވަރުގެ ޓެކްނޮލޮޖީތަކުގައިވެސް ރަޝިއާއަށް ވަރަށް ބޮޑަށް ބަރޯސާވަމުންނެވެ. މީގެއިތުރުން ރަޝިއާއަކީ ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގައުމަކަށްވާތީ ތަންކޮޅެއް އަގުހެޔޮ ރޭޓެއްގައި މިތަކެތިވެސް ރަޝިއާއިން އިންޑިއާއަށް ފޯރުކޮށްދެއެވެ. އިންޑިއާއަކީ ތެލާއި ގޭހަށް ފެންބޮވައިގެންފައިވާ ގައުމެކެވެ.

ޔުކްރޭން ހަނގުރާމައާއެކު ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށްފަހު އިންޑިއާވަނީ އެމެރިކާ ކިޔާއެއްޗަކަށް ބެލުމެއްނެތި ރަޝިއާއިން އަގު ހެޔޮކޮށް ތެލާއި ގޭސް ގަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އަދި ކަރަންސީ ސްވަޕް ހަދައިގެން އިންޑިއާއާއި ޗައިނާ މިހާރުވެސް ގެންދަނީ ޑޮލަރާއި ޔޫރޯ އެއްފަރާތްކޮށް ރުބެލްއާއި ރުޕީން މުއާމަލާތް ކުރަމުންނެވެ.

ޗައިނާއާއި އިންޑިއާއަކީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 27 ޕަސެންޓު ކަމަށްވާއިރު މިދެގައުމުގެ އެއްބާރުލުން ނުލިބި އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ރަޝިއާއަށް ނުކުރާނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތަކުން މުއާމަލާތް ކުރަންފެށުމަކީ އެމެރިކާގެ އިޤްތިޞާދު އަޑިއަޅާލައި އެމެރިކާގެ މާލީ ބާރުވެެރިކަމާއި ނުފޫޒަށް ބޮޑު ހީނަރުކަމެއް އަންނާނެކަމެކެވެ. ޑޮލަރާ ނުލައި ގައުމުތަކުން ކުރާ މާލީ މުއާމަލާތްތައް އިތުރުވެއްޖެނަމަ އެމެރިކާގެ އާމްދަނީ ކުޑަވެ ދެވަނަ ނުވަތަ ތިންވަނަ ދަރަޖައިގެ އިޤްތިޞާދަކަށް އެމެރިކާ ބަދަލުވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް މާލީ ތަޖްރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް މިކަމަށް އަދި އަހަރުތަކެއް ނަގާނެކަމަށް އެފަރާތްތަކުން ދެކެއެވެ.

އިންޑިއާއާއި ރަޝިއާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ގާތްގަނޑަކަށް ދިހަ ބިލިޔަން ޑޮލަރަށް އަރާއިރު މީގެތެރެއިން ގާތްގަނޑަކަށް 6.5 ބިލިޔަން ޑޮލަރަކީ އިންޑިއާ، ރަޝިއާއިން ގަންނަ ތަކެތީގެ މިންވަރެވެ. ރަޝިއާ، އިންޑިއާއިން ގަންނަ ތަކެތީގެ މިންވަރަކީ ގާތްގަނޑަކަށް 3.5 ބިލިޔަން ޑޮލަރެވެ.