03 Apr 2022, 12:19
މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ފުރަތަމަ ޖަލްސާ މިރޭ ބާއްވަން ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިރޭގެ ޕްރޮގްރާމު ޚާއްޞަކޮށްފައި ވަނީ 'ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ!' މި މައުޟޫއަށް ކަމަށެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާނީ އައްޝައިޚް ނަސްރުﷲ ޢަލީ އާއި އައްޝައިޚް އިލްޔާސް ޙުސައިނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިރެއިން ފެށިގެން ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ މާލޭގައި އިޙްޔާ ފޯރަމް ކުރިއަށް ދާނެ ކަމަށެވެ. އެ ފޯރަމް އޮންނާނީ ރޭގަނޑު 9:30 އިން 10:30އަށް، އިސްލާމީ މަރުކަޒުގައެވެ.
ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ. އެގޮތުން ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހު އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށި ސިޓީގައެވެ.
އޭޕްރީލް 15ވާ ހުކުރު ދުވަހު އައްޑޫ ސިޓީގައި އެ ފޯރަމް ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު، އޭޕްރީލް 22 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި، އަދި އޭޕްރީލް 29 ވަނަ ދުވަހު ރ. އުނގޫފާރުގައި އެ ފޯރަމް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުމަށް ޓަކައި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމުތައް ފެށީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައެވެ. އެ ޕްރޮގްރާމްތައް ބާއްވަން ފެށީ 1980 ވަނަ އަހަރުގެ ރޯދަ މަހުއެވެ.