03 Apr 2022, 11:33
ސްރީލަންކާގައި އިތުރު މުޒާހަރާތައް ކުރުމަށް ފުރުސަތު ނުދިނުމަށް ޓަކައި އެގައުމުގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފިއެވެ.
ލަންކާގެ ގިނަ ސަރަހައްދުތަކުގައި ފޭސްބުކާއި ޓުވިޓާއާއި ޔޫޓިއުބާއި ވަޓްސްއެޕާއި އެހެން ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވެސް ބޭނުން ނުކުރެވޭ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެކި ގައުމުތަކަށް އިންޓަނެޓުގެ ޚިދުމަތް ލިބޭ މިންވަރު މޮނިޓާ ކުރާ ޖަމުޢިއްޔާއެއް ކަމަށްވާ ނެޓްބްލޮކްއިން ވަނީ ލަންކާގެ ވަރަށް ގިނަ ސަރަހައްދުތަކުގައި އިންޓަނެޓު ޚިދުމަތަށް ބުރޫ އަރާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.
ލަންކާގެ އިޤްތިޞާދު އިނދަޖެހި، އަސާސީ ތަކެތި ލިބުން ދަތިވުމުގެ ސަބަބުން އެގައުމުގައި ސަރުކާރާ ދެކޮޅަށް ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށާފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ގެކޮޅު ކައިރީގައި ބޭއްވި މުޒާހަރާއެއްގައި ބައެއް މީހުން ވަނީ ގެކޮޅަށް ވަދެ ގަންނަން މަސައްކަތްކޮށްފައެވެ.
އޭގެ ސަބަބުން، ހުކުރު ދުވަހުގެ ރޭ ރައީސް ގޮތަބަޔަ ވަނީ ލަންކާގައި ކުއްލި ހާލަތު އިޢުލާން ކުރައްވާފައެވެ. އަދި މާދަމާ ހެނދުނާ ހަމައަށް އެގައުމުގައި ވަނީ ކާފިއު ވެސް އިޢުލާންކޮށްފައެވެ.
ކުއްލި ހާލަތު އިޢުލާން ކުރުމުން އެގައުމުގެ އަސްކަރިއްޔާއަށް ޝަރީއަތަކާ ނުލައި ދިގު މުއްދަތަކަށް މީހުން ހައްޔަރުކޮށް، ޖަލަށް ލެވޭނެއެވެ. އަދި ރައީސް ބޭނުންފުޅުވާ ނަމަ ކޮންމެ ގާނޫނަކަށް ވެސް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓުވޭނެއެވެ.
ކޮވިޑް-19އިގެ ސަބަބުން ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓި، ބޭރު ފައިސާ ނުލިބުމުގެ ސަބަބުން އެގައުމުގެ އަސާސީ މުދާ ގަންނަން ވެސް ޚަރަދު ކުރާނެ ގޮތެއް ވަނީ ނެތިފައެވެ. އެއާއެކު ތެޔޮ ލިބުން ދަތިވެ، ކަރަންޓު އުފެއްދުން މަޑުޖެހުމުގެ ސަބަބުން މިދިޔަ މަހުން ފަށައިގެން އެގައުމުން ދަނީ އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުންނެވެ.
ފާއިތުވި ދެ އަހަރު ތެރޭގައި ލަންކާގެ ބޭރު ފައިސާގެ ރިޒާވް ވަނީ 70 ޕަސެންޓު ދަށްވެފައެވެ. އެގޮތުން މިދިޔަ މަހު އެ އަދަދު ވަނީ 2.31 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ. އަދި އެގައުމުގެ ފައިސާގެ އަގު ވެއްޓި، ޑޮލަރަކަށް ޖެހޭ ވަރު ވަނީ 297.99 ލަންކާ ރުޕީސްއަށް ވެއްޓިފައެވެ.