އެސްޓީއޯގެ ދެކުނުން އޮންނަ ހުސްބިން އެއްއަހަރު ދުވަހުގެ މުއްދަތަށް ޖުމުހޫރީ ޕާޓީއަށް ދިނުމަށް އެދި މިއަދު މާލޭ ސިޓީކައުން ސިލްގައި އެ ޕާޓިން އެދެފި އެވެ.

ޖުމުހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން މޫސާ ރަމީޒް ސޮއިކުރައްވާ މާލޭ ސިޓީކައުންސިލަށް މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ލޮނުޒިޔާރާތްކޮޅު ރާޅުގަނޑު ސަރަހައްދު އެމްޑީޕީއަށް ދޫކޮށްދެއްވާފައިވާ ފަދައިން ޖުމުހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތަކެއް ހިންގަން އެސްޓީއޯގެ ދެކުން އޮންނަ ހުސްބިން އެއް އަހަރު ގެ މުއްދަތަށް ޖުމުހޫރީ ޕާޓީގެ އަށް ދެއްވުން އެދޭ ކަމަށެވެ.

މޫސާ ރަމީޒް މިއަދު ވިދާޅުވީ ޖުމުހޫރީ ޕާޓީއަށް ބިން ބޭނުންވަނީ އެ ޕާޓީގެ އެކިހަރަކާތްތައް ހިންގުމަށް ދަތިތަކާ ކުރިމަތީވާތީ ކަމަށާއި އެގޮތުން އެބިން ލިބިއްޖެނަމަ އެޕާޓީގެ ޖަލްސާތައް ބާއްވާ އެކިއެކި ކެމްޕެއިން ހަރަކާތްތައް އެބިމުގައި ބާއްވާނެ ކަމަށެވެ.

ޖުމުހޫރީ ޕާޓީން އެސްޓީއޯގެ ދެކުނުން އޮންނަ ބިން ހޯދުމަށް ސިޓީ ކައުންސިލްގައި އެދިފައިވާއިރު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އާޓިފިޝަލް ބީޗް ހޯދަން މާލޭ ސިޓީ ކައުންސިލުގއި ޕީޕީއެމުން ވެސް ވަނީ އެދިފަ އެވެ.
ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބުދުﷲ ސޮއިކުރައްވާ މިދިޔަ ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެ ޕާޓީގެ ހަރަކާތްތައް ބޭއްވުމަށް މިއަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އާޓިފިޝަލް ބީޗް ސަރަހައްދު ދެއްވުމަށް އެދޭ ކަމަށެވެ. ސިޓީ ފޮނުވާފައި ވަނީ މިދިއަ ބުރާސްފަތި ދުވަހު އެވެ.

ޕީޕީއެމުން އެދިފައި ވަނީ އެއް އަހަރާ އަށް މަހާ ދެހަފުތާއަށް އާޓިފިޝަލް ބީޗު ހޯދާށެވެ.

ޖުމުހޫރީ ޕާޓީއާއި ޕީޕީއެމުން މާލޭގެ މުހިންމު ހުސް ދެބިމެއް ބޭނުންވާކަމށް އެދިފައިވާއިރު އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް މިދިޔަ ފެބުރުއަރީ މަހުގެ 17 ވަނަދުވަހުން ފެށިގެން އަންނަ ޖުލައިމަހުގެ ނިޔަލަށް ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދު ވަނީ އެމްޑީޕީއަށް ސިޓީކައުންސިލުން ދީފައެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުނު ފަހުން އެމްޑީޕީގެ ހުރިހާ ހަރަކާތެއް ރާވަނީ އެ ސަރަހައްދުގަ އެވެ.