އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް މޮޅުވިޔަ ނުދީ ލެއިސްޓާ ސިޓީން ޔުނައިޓެޑް ހިފަހައްޓައިފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނިކުތްއިރު، އެޓީމަށް ކުޅޭ ޕޯޗުގަލްގެ ކްރިސްޓީއާނޯ ރޮނާލްޑޯ ޓީމުގައި ނުހިމެނެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މެޗުގެ ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގައެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 69 ވަނަ މިނެޓުގައި ލެއިސްޓާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލެޗީ އިހިއަނާޗޯއެވެ. އެއީ ޖޭމްސް މެޑިސަން ނަގައިދިން ބޯޅައެއް ޔުނައިޓެޑްގެ އޭރިޔާ ތެރެއިން އޭނާ ބޮލުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ފްރެޑްއެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާއެއް ލެއިސްޓާގެ ކީޕަރުގެ އަތުގައި ޖެހި ރީބައުންސަށް ނިކުތް ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ލެއިސްޓާގެ މެޑިސަން ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް، ވީއޭއާރު ނިންމާފައި ވަނީ ގޯލް ބަލައިނުގަތުމަށެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ލީގު ތާވަލަގެ ހަ ވަނައިގައެވެ. އެއީ 30 މެޗުން ލިބުނު 51 ޕޮއިންޓާއެކުއެވެ. އަށާވީސް މެޗުން ލިބުނު 27 ޕޮއިންޓާއެކު ލެއިސްޓާ އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގައެވެ.

ލީގުގެ އެއް ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 73 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި 72 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު، ތިން ވަނައިގައި ޗެލްސީ އޮތީ 59 ޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގައި އާސެނަލް އޮތީ 54 ޕޮއިންޓާއެކުއެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމަަށް ލިބެނީ 51 ޕޮއިންޓެވެ.