އިއްޔެގެ ހުކުރު ނަމާދުން ހުޅުވި ކިންގް ސަލްމާން މިސްކިތް ކައިރީގައި ޕާކިން ޒޯނެއް ހަދަން ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސަލްމާން މިސްކިތް ކުރިމައްޗަށް ވާގޮތަށް އޮންނަ ސޯމިލް ބިން ހުސްކޮށްދޭން މީގެ އެތައް މަހެއް ކުރިން އެދިފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ އެތަނުގައި ކޮވިޑް ދުވަސްވަރުން ސުރެ ޕްލޭނިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް މުވައްޒަފުންތަކެއް ނިންދަވާކަމަށެވެ. އަދި އެ ތަނުގައި ގިނަ ވެހިކަލްތަކެއް ވެސް ބަހައްޓައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބުނެފިން އެމީހުން ކުރިން ތިބި ތަނަށް ބަދަލުކުރެވޭނެ ނޫންހޭ. އޭރު ކޮވިޑް ހާލަތުގައޭ އެ މީހުން އެތަނަށް ގެނައީ. އެކަމަކު ވަރަށް ވާހަކަ ދައްކައިގެން ވެސް ބަދަލެއް ނުކުރި،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މިސްކިތް ހުޅުވަން ވާއިރަށް، އެތަން ހުސްކޮށް ސިޓީ ކައުންސިލުގެ އަމިއްލަ ޚަރަދުގައި އެތަނުގައި ޕާކިން ޒޯނެއް ހަދަން ބޭނުންވާކަމަށް ދަންނަވައިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ހަަމަ ހިލާ ދުލެއް ނުކުރި. އަޅުގަނޑަކަށް އަންްޑަސްޓޭންޑެއް ނުވޭ ރައްޔިތުންނަށް އެހާ ފަސޭހަ ވާނެ ކަމެއްގައި އަޅުގަނޑުމެން އެކަން ކުރަން ތިއްބާ އެކަން ކުރަން ފުރުސަތު ނުދޭންވީ ސަބަބެއް،" މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސަލްމާން މިސްކިތް ބިނާކުރިއިރު ހައުސިން މިނިސްޓަރަކަށް ވެސް ހުންނެވި މުއިއްޒު ވިދާޅުވީ ކުރިން ވެސް ޕްލޭން އޮތީ އެތަނުގައި ޕާކިން ޒޯނެއް ހަދާ ގޮތަށް ކަމަށެވެ.

"އެ ބޭފުޅުންނަށް އެހާ މުހިންމު ކަމަކަށް ނުވަނީ ކަންނޭނގެ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިސްކިތުގެ އެކި ކަންކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލަށް އާއްމުންގެ ފަރާތުން ޝަކުވާ ލިބޭ ކަމަށެވެ.

"މިއަދު ވެސް އަޅުގަނޑަށް ވެސް މީހަކު މެސެޖު ކުރި ދޮރު މާ ބާރަށް ޖެހެނީއޭ. ދެން އަޅުގަނޑުމެން ސާފުކޮށްދޭން ބޭނުންވަނީ ކިންގް ސަލްމާން މިސްކިތް އަޅުގަނޑުމެންނާ އަދި ހަވާލެއް ނުކުރޭ ސަރުކާރަކުން. އިސްލާމިކް މިނިސްޓްރީން އެތަން ބަލަހައްޓަނީ،" މުއިއްޒު ވިދާޅުވިއެވެ.

ސަލްމާން މިސްކިތް ކައިރީގައި ޕާކިން ޒޯނު ހަދަން ސަރުކާރުން އެއްބާރުލުން ނުދެނީ ރައްޔިތުންނަށް ތަކުލީފު ޖައްސަންކަމަށް ގަބޫލުކުރައްވާ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތަށް މިހާރު ކޮންމެ ނަމާދަކަށް ވެސް ގިނަ އަދަދެއްގެ މީހުން ދެއެވެ. އަދި އެ ތަނުގެ ދެ ފަޅިއަށް އޮންނަ ޕާކިން ޒޯނުތައް ފުރި މަގުމަތީގައި ވެސް ޕާކު ކުރަން ޖެހެއެވެ.

ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި، މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމް ހުންނައިރު ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެއެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވަނީ ގާއިމްކޮށްފައެވެ. އިމާރާތުގެ އެކި ހިސާބުތަކަށް އެރުމަށް ލިފްޓް ބަހައްޓާފައި ހުރެއެވެ.

ސަލްމާން މިސްކިތް އެޅުމަށް ޚަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީން ވަނީ 14.5 މިލިއަން ޑޮލަރުގެ ހިލޭ އެހީދީފައެވެ. އަދި ބާކީ ބައި ޚަރަދުކުރީ ސަރުކާރުންނެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު މިސްކިތުގެ ގިނަ މަސައްކަތްކައް ނިމިފައިވީ ނަމަވެސް ސަލްމާން މިސްކިތް ހުޅުވުން އަހަރުތަކަކަށް ދިގުދެމިގެންދިޔައެވެ.