އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޤުރުއާން ކުލާސް ހިންގުމަށް ނިންމައިފިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޤުރުއާން އެންޑް ސުންނާގެ ޑީން އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވީ މާލެ ސަރަހައްދުގެ 11 މިސްކިތެއްގައި ޤުރުއާން ކުލާސްތައް ނަގައިދޭނެކަމަށެވެ.

އޭނާ ވިދާޅުވީ ޤުރުއާން ކުލާސްތައް ނަގައިދޭނީ އަޞްރު ނަމާދަށްފަހު ކޮންމެ ހަފުތާއަކު އާދީއްތަ، ހޯމަ، އަންގާރަ، ބުދަ ދުވަހު ދުވަހުކަމަށެވެ.

"ވިލިމާލެ ހުލުމާލެ އަދި މާލެ ހިމެނޭގޮތަށް 11 މިސްކިތެއްގައި ޤުރުއާން ކުލާސްތައް ކުރިއަށް ގެންދަން އަޅުގަނޑުމެން މިވަނީ ނިންމާފައި. އެ ކުލާސްތައް ނަގައިދެވޭނީ ހަފުތާއަކު ހަތަރު ދުވަހު," މަންޞޫރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ބޮޑެތި މީހުންނާއި ކުޑަ ކުދިންނަށް ވެސް ބައިވެރި ވެވޭނެގޮތަށް ރާވައިގެން ކުރިއަށްދާ އެ ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ ހުރިހާ މީހުންނަށް ވެސް ބައިވެރިވެވޭނެއެވެ.

"ބޮޑެތި މީހުން ވެސް އެމީހުން ޤުރުއާން ކިޔެވުމުގެ ހުނަރު ބަލާލަން މީ ހަމަ ރަނުގެ ފުރުސަތެއް،" މަންޞޫރު ވިދާޅުވިއެވެ.

ޤާރީން ނަގައިދޭ އެ ކުލާސްތަކުގައި ބައިވެރިވުމަށް ފީއެއް ނުނަގާނެކަމަށާއި ނަމާދުކޮށް ނިމުމުން އެންމެން އެއްތާކަށް ޖަމާވެ ކިޔެވުން ކުރިއަށްގެންދަނީ ކަމަށް ވެސް މަންޞޫރު ވިދާޅުވިއެވެ.