02 Apr 2022, 21:39
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓާ ސިޓީން ލީގު ތާވަލްގެ އެއް ވަނަ މަޤާމު ދަމަހައްޓައިފިއެވެ.
ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗަށް ސިޓީ ނިކުތްއިރު އެ ޓީމު އޮތީ ލީގު ތާވަލްގެ ދެ ވަނައިގައެވެ. އެއީ ސިޓީގެ މެޗުގެ ކުރިން ލިވަޕޫލުން ވަޓްފޯޑު ބަލިކޮށް އެއް ވަނަ މަގާމަށް ޖެހިލުމުންނެވެ. މެޗުން މޮޅުވެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ސިޓީއަށް އޮތެވެ.
މެޗުގައި ސިޓީގެ ދެ ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު ސިޓީން ޖަހާފައިވަނީ މެޗުގެ ހަތަރު ވަނަ މިނެޓުގައެވެ. ރަހީމް ސްޓާލިން ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރައިނާއެވެ. ބާންލީގެ އޭރިޔާ ތެރެއިން ޑި ބްރައިނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ލަނޑަށްފަހު ވެސް ސިޓީން ވަނީ ފުލުފުލުގައި ހަމަލާތަކެއް އުފައްދާފައެވެ. ސިޓީގެ ދެ ވަނަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިލްކޭ ގުންޑަގޮންއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ބާންލީގެ އޭރިޔާ ބޭރުން ސްޓާލިން ދިން ބޯޅައެއް ތިރިން ކީޕަރުގެ އަތް ކައިރިން ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ސިޓީން އެއް ވަނައިގައި އޮތީ އެއް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެއީ ކުޅުނު 30 މެޗުން ލިބުނު 73 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 72 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި ޗެލްސީ އޮތީ 59 ޕޮއިންޓާއެކުއެވެ. އާސެނަލް ހަތަރު ވަނައިގައި އޮތީ 54 ޕޮއިންޓާއެކުއެވެ.