ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއީ ސާ ޑޮނަލްޑް މެކިނަންއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޞްރަޙާ ބެހޭގޮތުންނެވެ.

ބައްދަލު ވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އަވަސް އިންތިޚާބެއް ބާއްވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާއި، އެހެންނަމަވެސް މިކަން ކުރެވެން އޮތީ ރާއްޖޭގެ ޤާނޫނީ ހަމަތަކުގެ މަތިން ކަމުގައި ވިދާޅުވިއެވެ. އަދި ހަމައެއާއެކު، މިނިވަން އިންތިޚާބެއް ބޭއްވޭނީ ރާއްޖޭގައި އަމާން މާޙައުލެއް ޤާއިމްކުރެވިގެން ކަމަށާއި، މި ކަމަށްޓަކައި ހުރިހާ ފަރާތެއްގެ އެހީއާއި އެއްބާރުލުން ބޭނުންވާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

މެކިނަންގެ ވާހަކަފުޅުގައި، މަޝްވަރާ ކޮށްގެން މައްސަލަތައް ޙައްލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބާރުއެޅުއްވި އެވެ.