އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވަޓްފޯޑު ބަލިކޮށް ލިވަޕޫލުން ލީގު ރޭހުގައި ސިޓީގެ ފަހަތު ވިއްދައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ލިވަޕޫލްގެ މުޙައްމަދު ޞަލާޙު ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ. އޭގެ ފަސް މިނެޓު ފަހުން ވަޓްފޯޑުގެ އިސްމައިލާ ސާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޖަހައިދިނީ ޑިއާގޯ ޖޮޓާއެއެވެ. އޭނާ މި ލަނޑު ޖެހީ ޖޯސެފް ގޮމޭޒް ދިން ބޯޅައަކުންނެވެ. އެއީ އޭރިޔާ ބޭރުން ގޮމޭޒް ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ޖޮޓާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ 89 ވަނަ މިނެޓުގައެވެ. ލިވަޕޫލަށް ލިބުނު ޕެނަލްޓީއެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލުން ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ 30 މެޗުން ލިބުނު ޖުމުލަ 72 ޕޮއިންޓާއެކުއެވެ. މި އަދަދަށް މެޗު ކުޅެގެން ލިބުނު 73 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތީ ލީގު ތާވަލްގެ އެއް ވަނައިގައިއެވެ.