02 Apr 2022, 21:05
މި ފެށުނު ބަރަކާތްތެރި ރަމަޟާން މަސް ދިވެހީންނާ ބައްދަލުކުރި އިރު، ޤައުމުގެ އިޤުތިޞާދު މިވަނީ އެތައް އަހަރެއް ފަހަތަށް ސޮއްސާލާފައި ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ދިވެހި އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް މި ފެށުނު 1443 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮވުމަށް މިރޭ ނެރުނު ނޫސް ބަޔާނުގައި ވަނީ ރޯދަ މަސް ބައްދަލުކުރި އިރު ޤައުމު މި އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.
އެގޮތުން ބަލައި އިރު ޤައުމުގެ މިނިވަން ކަމާއި އިސްތިޤްލާލަށް ވެސް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައި ވުމުގެ އިތުރަށް މުޅި އިޤްތިޞާދު ވެސް މިވަނީ ފުން ވަޅުގަނޑެއްގެ ތެރޭގައި ކަމަށް ބަޔާނުގައި ވެއެވެ.
"ދީނީ ކަންކަމުގައި ޝާމިލުވެ، އުޅުމުގައި ވެސް ދިވެހީންނަށް މިވަނީ އެތައް ގިނަ ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައި. މި ހުރިހާ ކަމަކުން ޤައުމު ސަލާމަތްކޮށްދެއްވައި، ޤައުމު އަލުން އަނބުރާ ހޯދުމަށް ދިވެހީން ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރު ކޮށްދެއްވުމަށް އެދި މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުއާ ދަންނަވަން،" ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ މި ރޯދަ މަހަކީ ހުރިހާ ގޮތަކުން ވެސް މި ޤައުމާއި ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި އަޅުކަމުގައި ޝާމިލުވެ، އުޅުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާފައިވާ މައްސަރެއްކަމުގައި ލައްވައި އަދި މި މައްސަރުގެ ހެޔޮ ދަރުމައާއި ސަވާބު އެންމެހާ ދިވެހި ރައްޔިތުންނަށް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.