އިއްޔެގެ ހުކުރު ނަމާދުން ނުރަސްމީކޮށް ހުޅުވި ކިންގް ސަލްމާން މިސްކިތުގައި ރޭ ފަތިސް ނަމާދު ކަނު އަނދިރީގައި ކުރަން ޖެހިއްޖެއެވެ.

ސަލްމާން މިސްކިތަށް ރޭ ފަތިސް ނަމާދަށް ވެސް ގިނަ ބަޔަކު ވަނީ ގޮސްފައެވެ. އެ ގޮތުން މިސްކިތު ތެރެ އެއްކޮށްހެން ފުރިފައި އޮތްއިރު، އެ އެންމެންނަށް ވެސް ފަތިސް ނަމަދު ކުރަން ޖެހުނީ އަލިކަމެއް ނެތިއެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އިސްލާމިކް މިނިސްޓްރީއަށާއި ސަރުކާރަށް ފާޑު ކިޔައިފައެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު "ސަން"އަށް ވިދާޅުވީ އެ ކަން އެގޮތަށް ދިމާވީ ކަރަންޓުދިނުމުގެ ކަންކަން ކުރަން ހަމަޖައްސައިފައިހުރި މުވައްޒަފަށް މިސްކިތަށް ނުދެވުމުން ކަމަށެވެ.

"ސިސްޓަމަކަށް މައްސަލައެއް ނުޖެހޭ. އޭނާއަށް ނުދެވިގެން ރޭގައި ކަރަންޓު ނުދެވުނީ،" އަފްރާހު ވިދާޅުވިއެވެ.

ސަލްމާން މިސްކިތަށް ރޭ ފަތިސް ނަމާދަށް ދިޔަ މީހަކު ބުނީ ނަމާދުކުރަން ޖެހުނީ ކަނު އަނދިރީގައި ކަމަށެވެ. އަދި އެއަށްވުރެ އިންތިޒާމުތައް ރަނގަޅުވާންޖެހޭ ކަމަށް ގަބޫލުކުރާކަމަށް އޭނާ ބުންޏެވެ.

"މީހަކު އައިސް ލޮލަށް އިނގިލި ކޮއްޕާލިޔަސް ނޭނގޭހާ އަނދިރިއޭ އެތަން ވާހަކައަކީ،" އޭނާ ބުންޏެވެ.

ސަލްމާން މިސްކިތް އިއްޔެގެ ހުކުރު ނަމާދުން ހުޅުވައިލުމާއެކު ގިނަ ބަަޔަކު ވަނީ އެ މިސްކިތަށް ގޮސްފައެވެ. އެ ގޮތުން އިއްޔެގެ ހުކުރު ނަމާދުގައި މިސްކިތު ތެރެއާއި ގޯތިތެރެ ވެސް އޮތީ ފުރިބާރުވެފައެވެ.

ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި، މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމް ހުންނައިރު ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެއެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވަނީ ގާއިމްކޮށްފައެވެ. އިމާރާތުގެ އެކި ހިސާބުތަކަށް އެރުމަށް ލިފްޓް ބަހައްޓާފައި ހުރެއެވެ.

ސަލްމާން މިސްކިތް އެޅުމަށް ޚަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީން ވަނީ 14.5 މިލިއަން ޑޮލަރުގެ ހިލޭ އެހީދީފައެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު މިސްކިތުގެ ގިނަ މަސައްކަތްކައް ނިމިފައިވީ ނަމަވެސް ސަލްމާން މިސްކިތް ހުޅުވުން އަހަރުތަކަކަށް ދިގުދެމިގެންދިޔައެވެ.