03 Apr 2022, 10:17
"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ ދެވަނަ ދުވަހު ގެނެސްދޭ ޑިޝްއަކީ މިލްކް ކޭކެވެ. މިލްކް ކޭކަކީ ރޯދަ ވީއްލާ ގަޑިއަށް ވަރަށް ކަމުދާނެ ފޮނި ކާއެއްޗެކެވެ.
މިލްކް ކޭކު ފިހެ ނިމުމުން، ކޭކު ތެރެއަށް ކްރީމްކޮޅެއް އަޅާނެއެވެ. އެހެންކަމުން ބޭނުންވާ ތަކެތީގެ ލިސްޓުގައި ކްރީމް ހަދާނެގޮތް ވަކިން ހިމަނާލާފައި ވާނެއެވެ.
ކޭކު ތައްޔާރުކުރަން ބޭނުވާނެ ތަކެތި:
180 ގްރާމް ފުށް
- 200 ގްރާމް ހަކުރު
- 5 ބިސް
- 113 ގްރާމް ބަޓާ
- 5 އެމްއެލް އެސެންސް (ބޭނުން ވައްތަރެއް)
- 1 ސައިސަމުސާ ބޭކިން ޕައުޑާ
ކްރީމް ތައްޔާރުު ކުރުމަށް ބޭނުންވާ ތަކެތި:
1 ދަޅު ގެރިކިރު
- 250އެމްއެލް ފުލް ކްރީމް މިލްކް
- 1 ދަޅު އެވަޕަރޭޓެޑް މިލްކް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ، ބަޓަރާއި ހަކުރުކޮޅު ރަނގަޅަށް އެއްކޮށްލާނީއެވެ. އެއްވުމުން، މަދުމަދުން ބިސް އަޅަމުން އެއްކުރާނީއެވެ. އެއަށްފަހު ހަކުރު ވިރެންދެން ގިރާލާނީއެވެ.
ހަކުރު ވިރުމުން ބޭކިން ޕައުޑަރާއި ފުށް އަޅައި މަޑުމަޑުން އެއްކުރާނީއެވެ. އެންމެ ފަހުން އެސެންސް އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ.
ކޭކު ފިހުމަށްޓަކައި، އެކަމަށް ޚާއްޞަ ތައްޓަކަށް ނުވަތަ ޓްރޭއަކަށް ވެސް އެޅިދާނެއެވެ. ނަމަވެސް ޓްރޭއަށް އަޅާނަމަ، ޓްރޭގައި މާޖިރިން ހާކައި، ފުއްކޮޅެއް ބުރުވާލަން ވާނެއެވެ.
ކޭކު ފިހާނީ 35 މިނިޓް ވަންދެން، 180 ޑިގްރީގައި އަވަން ބަހައްޓައިގެންނެވެ. ނުވަތަ ފިހެވެންދެނެވެ.
ކޭކު ފިހެ ނިމުމުން، ކްރީމްގަނޑު ތައްޔާރު ކުރާނީއެވެ.
ގެރިކިރާއި ފުލްކްރީމް މިލްކް އަދި އެވަޕަރޭޓެޑް މިލްކް އެއްކޮށްލައި ގިރާލުުމުން، ކްރީމްގަނޑު ތައްޔާރުވީއެވެ.
ކޭކު ފިހެވުމުން، ހޫނުކޮށް ހުއްޓައި ކޭކުގެ ހުރިހާ ދިމާއަކަށް އޫ ހަރައި، ކްރީމްގަނޑު ކޭކު ތެރެއަށް ވަންނާނެ ގޮތަށް ކުދި ލޯވަޅު ހަދާލާނީއެވެ.
ކްރީމްގަނޑު ކޭކު މައްޗަށް އަޅާލާނީ، ކޭކު ހޫނުކޮށް ހުއްޓައެވެ. އެއަށްފަހު ކޭކު ފިނިކުރުމަށްފަހު، ކޭކުގެ މައްޗަށް ވިޕިން ކްރީމް އަޅާނީއެވެ.
މިހާރު މިހުރީ މިލްކް ކޭކު ތައްޔާރުވެފައެވެ.
ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ:އެސްޓީއޯ
ލޮކޭޝަން ޕާޓްނާ:ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް:ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން:ޢަލީ ޝާމިން، މުޙައްމަދު ޝަފީއު
ޓްރެވަލް ޕާޓްނާ:ހޯޕް ޓްރެވަލްސް
ރެސިޕީ ތައްޔާރުކުރީ:ނާދިޔާ ޢަބްދުއްރަހްމާން
'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްދީފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.