18 Mar 2012, 12:17
މަޝްހޫރު " ރެޑްބުލް އެނަޖީ ޑްރިންކް"ގެ އެއް ބާނީ ޗާލިއޯ ޔޫވިދްޔާ މަރުވެއްޖެ އެވެ.
ސީއެންއެންއިން ބުނީ ތައިލެންޑަށް އުފަން ބިލިއަނަރު ޗާލިއޯ މަރުވީ ގުދުރަތީ މަރަކުން ކަމަށެވެ. ޗާލިއޯ މަރުވި އިރު އޭނާގެ އުމުރު އުޅެނީ 80 ގެ ތެރޭގަ އެވެ.
އޭނާ މަރުވިއިރު މިލްކިއްޔާތު ފަސްބިލިޔަން ޑޮލަރަށް ވުރެ މައްޗެވެ. ޗާލިއޯގެ ނަން އޮތީ ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުގެ 205 ވަނައިގަ އެވެ.
ޗާލިއޯ ގެ ރެޑްބުލް އެނާޖީ ޑްރިންކަކީ " ކްރޭޓިން ޑައެންގް" ގެ ނަމުގައި ތައިލެންޑްގައި މަޝްހޫރުވި ބުޔުމެކެވެ. "ރެޑްބުލް" މިނަން އެ ބުއިމަށް ދިނީ "ކްރޭޓީން ޑައެންގް" މިނަން އިނގިރޭސި ބަހަށް ތަރުޖަމާކޮށްގެންނެވެ.
ދުނިޔެ ގަބޫލުކުރާ މަޝްހޫރު ބުއިމަކަށް ރެޑްބުލް ހެދުމުގެ މަސައްކަތް ފެށީ އޮސްޓްރިއާގެ ވިޔަފާރިވެރިއެއްކަމަށްވާ ޑިއެޓްރިޗް މަޓެޝިޓްޒްއާ ޗާލިއޯ ގުޅިގެން 1984 ވަނަ އަހަރު އެވެ. އެއިން ކޮންމެ މީހަކަށް ރެޑްބުލް ކުންފުނީގެ 49 ޕަސެންޓް ހިއްސާ އޮންނަ އިރު އަނެއް ދެޕަސެންޓް ހިއްސާ އޮންނަނީ ޗާލޮއޯގެ ދަރިފުޅަށެވެ.
ރެޑްބުލް ކުންފުނީގެ ހެޑްކުއާޓާސް އޮސްޓްރިއާގައި ހުންނައިރު އެކުންފުނީގެ އުފެއްދުންތައް ދުނިޔޭގެ 164 ގައުމެއްގައި ވިއްކަ އެވެ.
ނަވާރަސްތޭކަ އައްޑިހަ ހަތް ވަނަ އަހަރުން ފެށިގެން މިހާތަނަށް ރެޑްބުލްގެ 30 ބިލިޔަނަށް ވުރެ ގިނަ ދަޅުވިއްކާފައިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.