އިސްލާމް އާބާދު (އެޕްރީލް 02): ޕާކިސްތާނުން ކުރަންވާ ކަންކަމާއި ނުކުރަންވާ ކަންކަން އަންގައި ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަންނާތީ އެކަމާދެކޮޅަށް އިހްތިޖާޖުގެ ވަރުގަދަ ލިޔުމެއް ޕާކިސްތާނުގައި ހުންނަ އެމެރިކާގެ އެންބަސީއަށް ފޮނުވައިފި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވެއްޖެއެވެ.

އިސްލާމް އާބާދުގައި ދެއްވި ބަޔާނެއްގައި އިމްރާންޚާން ވިދާޅުވީ އެމެރިކާއިން ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ގަބޫލުނުކުރެވޭނެ ކަމަށާ އެކަން ހުއްޓާނުލާނަމަ އެމެރިކާއާއެކު ބައްވާ ގުޅުންތައް އަލުން މުރާޖައާކުރާނެ ކަމުގެ އިންޒާރު އެލިޔުމުގައި (އޮފިޝަލް މެމޮރެންޑަމްގައި) އެމެރިކާއަށް ދީފައިވާނެކަމުގައެވެ.

ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ މިދުވަސްވަރު ވަންނަން ފަށާފައި މިވަނީ ޔުކްރޭން ހަނގުރާމައިގާ ޕާކިސްތާނުން ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތެއް ގެންގުޅެން ފެށުމާ ގުޅިގެންނެވެ. ރަޝިއާ ކުށްވެރިކުރުމަށް އދ. ގެ އާންމު ޖަމްއިއްޔާގައި ނެގި ވޯޓުގައި ޕާކިސްތާންވަނީ ރަޝިއާ ކުށްވެރި ކުރުމަށް ވޯޓު ދިނުމަށް ދެކޮޅު ހަދާފައެވެ.

މިމައްސަލާގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޕާކިސްތާނަށް ފާޑު ކިޔުމުން އިމްރާންޚާން ވަނީ ޕާކިސްތާނަކީ ހުޅަނގުގެ އަޅެއްނޫންކަމަށް ވިދާޅުވެ އެމެރިކާއާއި އިނގިރޭސިވިލާތް ލަދުގަންނަވާލައްވާފައެވެ. ޕާކިސްތާންވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ކުރި ފިއްތުންތަކަށް ދެކޮޅު ހަދައި އެފިޔަވަޅުތަކުގައި ބައިވެރިނުވެ ރަޝިއާ ގާތްގުޅުންތަކެއް ބާއްވަމުން ގެންގޮސްފައެވެ.

އިސްލާމް އާބާދުގައި ހުންނަ އެެމެރިކާގެ އެންބަސީ

އަދި ރަޝިއާގެ ގޭސް އޭޝިއާގެ ގައުމުތަކަށް ސަޕްލައި ކުރުމަށް ޓަކައި ރަޝިއާ ބިނާކުރުމަށް ކުރީއްސުރެ ރާވާފައިވާ ގޭސް ހޮޅި ޕާކިސްތާނުގެ ތެރެއިން ގެންދިޔުމަށް ޕާކިސްތާނުން މީގެ ދެހަފްތާކުރިން އެއްބަސްވުމުން އެމެރިކާގެ ރުޅިގަނޑުވަނީ ފަޅައިގެން ގޮސްފައި ކަމަށް ޕާކިސްތާނުގެ ނޫސްތައް ބުނެއެވެ.

ނަމަވެސް ޕާކިސްތާނުން އެމެރިކާއާ މާބޮޑަށް ދުރަސްގޮސްފާނެތީ ޕާކިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅަން އެމެރިކާއަށް ކެރިފައިނުވާކަމަށް ޕާކިސްތާނުގެ ނޫސްތައް ބުނެއެވެ.

ޔުކްރޭން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ޖަޕާން، ދެކުނު ކޮރެއާ، ކެނެޑާ އަދި ސިންގަޕޫރު ފިޔަވައި އެހެން ގައުމެއް ބައިވެރިވެފައެއް ނުވެއެވެ. މީގެތެރެއިންވެސް ކެނެޑާ ފިޔަވައި އަނެއް ތިން ގައުމުން ރަޝިއާ އާ ދެކޮޅަށް އަޅާފައިވަނީ ވަރަށް ލުއި އަދި ވަރަށް މަދު ރަމްޒީ ފިޔަވަޅުތަކެކެވެ.

އެމެރިކާއާއި ޔޫރަޕުން ރަޝިއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގައި ދުނިޔޭގެ 193 ގައުމުގެ ތެރެއިން 157 ގައުމު ބައިވެރިނުވާ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ދާދިފަހުންވަނީ ހާމަކޮށްފައެވެ. ޗައިނާވެސް އަދި އިންޑިއާވެސް ވަނީ އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.

ނަތީޖާއެއްގެ ގޮތުން އެމެރިކާއާއި ޔޫރަޕްގެ ފިޔަވަޅުތަކުގެ އަސަރު ރަޝިއާއަށް ވަރަށް ކުޑަކަމަށް ލަންޑަންގައި ނުކުން ނޫހެއްކަމަށްވާ "ފައިނޭންޝަލް ޓައިމްސް" ބުނެފައިވެއެވެ. ޔުކްރޭންގެ ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅުވެ ޔުކްރޭން ކޮޅަށް ޖެހުމަށް އެމެރިކާ ދުނިޔޭގެ އެތަށް ގައުމަކަށް ފިއްތުންތައް ކުރިމަތިކުރި ކަމަށާ ނަމަވެސް މިކަމުގައި އެމެރިކާއާއި ޔޫރަށް ކާމިޔާބެއް ލިބިފައިނުވާކަމަށް "ފައިނޭންޝަލް ޓައިމްސް" ބުނެފައިވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ އޭނާގެ ސަރުކާރަށް އިތުބާރުއޮތްތޯ ބެލުމަށް އެގައުމުގެ އިދިކޮޅުން ޕާލަމެންޓަށް ހުށަހަޅާފައިވާ މައްސަލައަކީވެސް ހުޅަނގުގެ ގައުމުތައް އަޑީގައި ތިބެގެން އޭނާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމަށް ހިންގާ ރޭވުމުގެ ބައެއްކަމަށް ސިފަކުރައްވާފައެވެ.

އިތުބާރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. މިއީ ޔުކްރޭންގެ މައްސަލާގައި އެމެރިކާ ކުރިމަތި ކުރި ފިއްތުންތަކަށް ދީލާލުމަށް އިމްރާންޚާން ގެ ސަރުކާރު ދެކޮޅު ހެދުމުންނާ އަދި ރަޝިއާގެ ގޭސްހޮޅި ޕާކިސްތާނުގެ ތެރެއިން ގެންދިޔުމަށް އިމްރާންޚާންގެ ސަރުކާރުން ދާދުފަހުން ނިންމުމާ ގުޅިގެން ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުގެ ބޮލަށް ވަދެގެން އިމްރާންޚާންގެ ސަރުުކާރު ވައްޓާލުމުގެ މަގްސަދުގައި އެމެރިކާ ކުރަން އުޅޭކަމެއްކަމަށް އިމްރާންޚާން ގެ ޕާޓީގެ މަސްއޫލުވެރިއަކުވަނީ ތުހުމަތު ކުރައްވާފައެވެ. މިހުރިހާ ގަނޑެއް ގަންނަނީ އިސްލާމް އާބާދުގައި ހުންނަ އެމެެރިިކާގެ އެންބަސީންކަމަށްވެސް އިމްރާންޚާން ގެ ޕާޓީ ކަމަށްވާ ތަހްރީކޭ އިންސާފު ޕާޓީގެ ގެ މަސްއޫލުވެރިޔާ ހާމަކުރެއްވިއެވެ.

އިމްރާންޚާންވަނީ އިތުބާރުގެ ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅު ހުޅަނގުގެ ފިއްތުންތަކަށް ދީލާ ނުލައްވާނެކަމަށް ވިދާޅުވެފައެވެ. މިމައްސަލާގައި ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިންވަނީ އިސްލާމް އާބާދުގައި ހުންނަވާ އެމެރިކާގެ ޝާޒްޑިއެފެއާ ހާޒިރުކޮށް އޭނާއާ ސުވާލުކޮށް އިހްތިޖާޖްގެ ލިޔުމެއްވެސް ހަވާލުކޮށްފައެވެ.