ރޯދަމަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ރަށުގެ ކުދިބޮޑު އެއްމެންނަށް ބައިވެރިވެވޭ ބޮޑު މާހެފުމެއް ނ. ކުޑަފަރީގައި އިއްޔެ ބާއްވައިފިއެވެ.

މި މާހެފުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހުކުރު ނަމާދަށްފަހު ކުޑަފަރީ މައިޒާން މަގުގައެވެ.

"ކުޑަފަރީ ކޮމިއުނިޓީ މާހެފުން" ގެ ނަމުގައި ބޭއްވި ބޮޑު މާހެފުމުގެ އިސް މަދަދުގާރަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދެވެ.

ނ. ކުޑަރީގައި އިއްޔެ ބޭއްވި މާހެފުމުގައި ސިޔާމް ވަނީ ބައިވެރިވެވަޑައިގެންފައި --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މި މާހެފުމުގައި ސިޔާމާއި ކުޑަފަރީ ކައުންސިލަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މެންދުރު ކެއުމުގައި ދިވެހީން އާއްމުކޮށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ ކާ އެއްޗެހި ސުފުރާމަތިން ލިބުނު މި މާހެފުމަކީ، ވަރަށް ފުރިހަމަ، ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަށް ދައްކުވައިދިން އުފާވެރި، ކާމިޔާބު އިވެންޓެކެވެ.

މިފަދަ ބޮޑު މާހެފުމެއް ބޭއްވުމުގައި ސިޔާމް ވެދެއްވި އެހީތެރިކަން ފާހަގަކޮށް ކުޑަފަރީ ކައުންސިލްގެ ރައީސް ޢަލީ ޝަމީމް މުޙައްމަދު ވަނީ ޝުކުރު ދަންނަވާފައެވެ.

މާހެފުން ކުރިއަށްދިޔަ ވަގުތު ސިޔާމް ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލު ބައްލަވާލައްވައިފައެވެ.