02 Apr 2022, 11:52
ނޯތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދޮންބައްޕަ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 47 އަހަރުގެ އެ މީހާ ހައްޔަރުކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފޯނަކުން ޖިންސީ ގޯނާ ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ފެނިފައެވެ.
ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގައިވާގޮތުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތުވެއްޖެނަމަ އެ މީހަކު 15 އަހަރާއި 18 އަހަރާ ދެމެދު މުއްދަކަށް ޖަަލައްލެވޭނެއެވެ.