ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޯމިން ރިވޯޑްސްގެ ނަމުގައި ރިވޯޑް ސްކީމެއް ދިރާގުން ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ރޯމިންގް ރިވޯޑްސްގެ ސަބަބުން އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުން ރޯމިނިންގް ހިދުމަތް ބޭނުންކޮށް، އެ ފަރާތްތަކުން މެންބާޝިޕް ނަގާފައިވާ ފްރީކުއެންޓް ފްލަޔާ ނުވަތަ އެފަރާތެއްގެ ހޮޓެލް ލޯޔަލްޓީ ޕްރޮގްރާމަކަށް ޕޮއިންޓް އިތުރުވާނެ އެވެ.

ރޯމިން ރިވޯޑްސްގެ ދަށުން ޕޮއިންޓް ލިބެނީ ޓްރެވެލިން ކަނެކްޓް އާއި ގުޅިފައިވާ ލޯޔަލްޓީ ޕްރޮގްރާމްތަކުގެ ތެރެއިން ހިޔާރުކުރާ ޕްރޮގްރާމަ ކަށެވެ.

ދިރާގުގެ މޭނޭޖަރު މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ރާއްޖޭން ބޭރުގައި އުޅޭއިރު ދިރާގުގެ ޕޯސްޓްޕެއިޑްގެ ހިދުމަތް ބޭނުންކުރާއިރު އިތުރު އިނާޔަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަހަލަ ހިދުމަތެއް ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރާއްޖޭގައި ތައާރަފްކުރާއިރު އެކަމާ އުފާކުރައްވާ ކަމަށެވެ.

ދިރާގު ރޯމިން ރިވޯޑްސްގެ ހިދުމަތް މިތައާރަފްކުރީ ދުނިޔޭގައި މިވަގުތު ޓެލެކޮމިއުނިކޭޝަން ދާއިރާއަށް މިހިދުމަތް ދިނުމަށް އެންމެ ފުންނާބު އުސް އަދި ވަރަށް ގާބިލް ފަރާތެއް ކަމުގައިވާ "ޓްރެވަލިން ކަނެކްޓް" އާއި ގުޅިގެންނެވެ.

ދިރާގުން ބުނީ މި ސްކީމުގައި ބައިވެރިވުމަށް ޑަބްލިއުޑަބްލިއު ރޯމިން ރިވޯޑްސް ޑޮޓް ދިރާގު ޑޮޑް އެމްވީގައި އެމީހަކު ހިޔާރުކުރާ ލޯޔަލްޓީ ޕްރޮގްރާމެއްގެ ދަށުން ރެޖިސްޓާ ކުރުމުން ދިރާގު ރޯމިން ރިވާޑްސްގެ މެންބާޝިޕް ލިބޭނެ ކަމަށެވެ. އަދި މިހިދުމަތާ ބެހޭ މައުލޫމާތު ވެސް މި ވެބްސައިޓަށް ޒިޔާރަތްކޮށްގެން ލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.