02 Apr 2022, 13:39
މިއަދުން ފަށައިގެން މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފަށައިގެން މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00އާއި ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑު ހުދު ހަނޑޫ: 77 ރުފިޔާ
- ރަތް ހަނޑޫ: 72 ރުފިޔާ
- ބާސްމަތީ ހަނޑޫ: (އާދައިގެ) 77 ރުފިޔާ
- ބާސްމަތީ ހަނޑޫ: (މޮޅު) 90 ރުފިޔާ
- ބާސްމަތީ ހަނޑޫ: (އެންމެ މޮޅު) 132 ރުފިޔާ
- އާދައިގެ ފުށް: 12 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
މިނިސްޓްރީން ބުނީ އުރީދޫ އެމް ފައިސާ އާއި ދިރާގު ޕޭ އާއި ބޭންކް އޮފް މޯލްޑިވްސް، އާއި އިސްލާމިކް ބޭންކުގެ ފައިސާ މޮބައިލް އާއި ފަހި ޕޭގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ ބަނޑޭރި ޕޭ މެދުވެރިކޮށް މިއަދުން ފަށައިގެން މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށެވެ.
މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް މި މަހުގެ ތިނެއްވާ އާދީއްތަ ދުވަހުން ފަށައިގެން މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އަތޮޅު ތެރޭގެ ރަށްރަށުން ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ. ފިޠުރު ޒަކާތް ބަލައިގަންނަން ނިންމާފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ.