ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އެގައުމުގައި ކުއްލި ހާލަތު އިޢުލާންކޮށްފިއެވެ.

ލަންކާގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން އެގައުމުގައި ކުއްލި ހާލަތު އިޢުލާން ކުރަން ރައީސް ނިންމެވީ، ގައުމީ ސަލާމަތާއި އަމަން ދެމެހެއްޓުމަށާއި ޚިދުމަތްތައް މެދުކެނޑުމެއްނެތި ލިބެމުންދާނެކަން ޔަގީން ކުރެއްވުމަށެވެ.

އެހެންކަމުން އިއްޔެއިން ފަށައިގެން އެގައުމުގައި ކުއްލި ހާލަތު އިޢުލާން ކޮށްފައިވާ ކަމަށް ގެޒެޓުގެ ނޯޓިސްގައިވެއެވެ. ނަމަވެސް އެ ހާލަތު ދެމިގެންދާނީ ކޮން މުއްދަތަކަށް ކަމެއް ރައީސް ވިދާޅުވެފައިނުވެއެވެ.

ލަންކާގައި ކުއްލި ހާލަތު އިޢުލާން ކުރީ އެގައުމުގެ އިޤުތިޞާދު އިނދަޖެހި، ރައްޔިތުންނަށް އަސާސީ ތަކެތި ވެސް ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ސަބަބުން ލަންކާއަށް ތެޔޮ ނުލިބި، ކަރަންޓު އުފެއްދުމަށް ވެސް ބުރޫއަރާތާ މަސްތަކެއްވެއްޖެއެވެ. އެހެންކަމުން ލަންކާއިން ދަނީ ކޮންމެ ދުވަހަކު ވެސް އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުންނެވެ.

އެ މައްސަލަތަކާ ބެހޭ ގޮތުން ނުރުހުން ފާޅުކުރުމުގެ ގޮތުން، ރައީސް ގޮތަބަޔަގެ ގެކޮޅު ކުރި މަތީގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ހަމަނުޖެހުންތައް ހިނގާފައިވެއެވެ.

އެ މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ރައީސްގެ ގެކޮޅަށް ވަންނަން ވެސް މަސައްކަތްކޮށްފައެވެ.

ލަންކާގެ ފުލުހުން ވަނީ އެ މުޒާހަރާއިން 50އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.