01 Apr 2022, 23:27
މި ރޯދަ މަހު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮވިޑް-19ގެ ފިޔަވަޅުތައް އުވާލެވި، ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވެވިފައިވުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރޯދަ މަހުގެ ތަހުނިޔާ ފޮނުއްވަވައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މި ފެށުނު ރަމަޟާން މަހުގައި އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް ކަމަށެވެ.
މި އަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީވެސް، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވެވުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް، ދީނީގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުތަނަވަސްވެފައިވުން. އެހެންކަމުން، މި މަތިވެރި ފުރުސަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި، ތަރާވީޙް ނަމާދުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ މައްސަރަކަށް ވީހިނދު، އަޅުގަނޑުމެން އެކަކު އަނެކަކަށް އޯގާތެރިކަން އިސްކޮށް، އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ހަމައެފަދައިން، މިއީ ދިންނެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެންވެސް އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ، އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންކަން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ދީނީ އެކި އާދަތައް ގައިގައި ހަރުލައްވަން މަސައްކަތް ކުރަން ވެސް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.