ތަޤުވާގެ މާނައަކީ ﷲ އަށް އީމާންވެގެންވާ ހާލު، އަމަލުތަކުގައި އެ އިލާހަށް ކިޔަމަންތެރިވުމެވެ. އެއީ އެ އިލާހު އަމުރުކުރެއްވި ކަންތައްތައް ކުރުމާއި ނަހީކުރެއްވި ކަންތައްތަކުން ދުރުވުމެވެ. އަދި މިކަން މިގޮތަށް ކުރަނީ ﷲ އަށް ކިޔަމަންތެރިވީ އަޅުންނަށް ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައިވާ ނިއުމަތްތައް ތެދުކޮށް، އެ އިލާހަށް އުރެދިއްޖެނަމަ ދެއްވާނެކަމަށް އަންގަވާފައިވާ އަޒާބަށް ބިރުވެތިވާ ހާލުގައެވެ.

ރޯދަ ފަރުޟު ކުރެއްވުމުގެ ބޭނުމަކީ މީސްތަކުން ﷲ އަށް ތަޤުވާވެރިވުންކަމުގައި އަންގަވާފައި ވެއެވެ.(ބަޤަރާ: ) އަދި ތަޤުވާވެރިވުމުގެ މުހިންމުކަން ބަޔާންކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވެއެވެ. "ތިބާވީ ކޮންމެ ތަނެއްގައި ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ނުބައި ކަމެއް ކުރެވިއްޖެނަމަ އެކަމާ ވިދިގެން ހެޔޮކަމެއް ކުރާހުށިކަމެވެ. .."(ތިރުމިޒީ: 1910)

ތަޤުވާވެރިންނަށް ދުނިޔޭގައްޔާއި އާޚިރަތުގައިވެސް ގިނަ ގުނަވެގެންވާ ދަރުމަ ދެއްވާނެކަމަށް ޤުރުއާނާއި ސުންނަތުގައި އައިސްފައިވެއެވެ. މީގެތެރެއިން މިންވަރެއް މިތަނުގައި ބަޔާން ކުރަމެވެ.

ތަޤުވާވެރިވުމަކީ އިންސާނާގެ އެންމެހައި ކަންތައްތައް ފަސޭހަވުމުގެ ސަބަބެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا (ޠަލާޤު: 4) މާނަ: "އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާއަށް ފަސޭހަކަން ލައްވާނެތެވެ." فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ ، وَصَدَّقَ بِالْحُسْنَىٰ ، فَسَنُيَسِّرُهُ لِلْيُسْرَىٰ (އައްލައިލި: 5-7) މާނަ: "ފަހެ (މުދަލުން) ހޭދަކޮށް (ﷲ އަށް) ތަޤުވާވެރިވެ، އަދި އެންމެ ހެޔޮ ބަސް ތެދުކުރިމީހާ ދަންނާށެވެ! ފަހެ ތިމަންރަސްކަލާނގެ ފަސޭހަކަން ހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާހުށީމެވެ."

ތަޤުވާވެރިވުމަކީ ޝައިތާނާގެ ނުބައިކަމުން އިންސާނާ ސަލާމަތްވުމުގެ ސަބަބެކެވެ. (އަޢުރާފު: 201) އަދި ހަމަ މިއާއެކު، ތަޤުވާވެރިޔާއަށްޓަކައި އުޑުންނާއ ބިމުން، ބަރަކާތުގެ ދޮރުތައް ހުޅުވޭނެތެވެ. (އަޢުރާފު: 91) އަދި ހީވެސް ނުކުރާ ގޮތްގޮތުން، ތަޤުވާވެރިޔާއަށް ﷲ ރިޒުގު ދެއްވާނެކަމަށް އަންގަވާފައި ވެއެވެ. "... وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا ، وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ..."(ޠަލާޤު: 2-3) މާނަ: "... އަދި ﷲ އަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤު ދެއްވާނެތެވެ. ..."

ތަޤުވާވެރިވުމަކީ އަމަލުތައް އިސްލާހު ވުމާއި ފާފަ ފުއްސެވުމުގެ ސަބަބެއްކަމަށް އަންގަވާފައިވެއެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ! (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ އަމަލުތައް އެކަލާނގެ އިސްލާހުކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެތެވެ. ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ނަޞީބު ލިބުމަކުން އެމީހާއަށް ނަޞީބު ލިބިއްޖެއެވެ."(އަޙްޒާބު: 70-71)

ތަޤުވާވެރިވުމަކީ ﷲ ގެ ހަޒުރަތުގައި މަތިވެރިވެގެންވާ މީހަކަށް ވުމުގެ ސަބަބެކެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ (ޙުޖުރާތު: 13) މާނަ: "ހަމަކަށަވަރުން، ﷲ ގެ ހަޒުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރިމީހާއެވެ." ނޫރު ސޫރަތުގެ 52 ވަނަ އާޔަތުން އެނގޭ ގޮތުގައި، ތަޤުވާވެރިވުމަކީ ﷲ ގެ ހަޒުރަތުން ކާމިޔާބު ލިބުމުގެ ސަބަބެކެވެ. އަދި އެއީ ޤިޔާމަތް ދުވަހުގައި ﷲ ގެ އަޒާބުން މިންޖުވުމުގެ ސަބަބެއްކަމަށް އަންގަވާފައި ވެއެވެ.(މަރްޔަމް: 71-72)

ތަޤުވާވެރިވުމަކީ މީހާގެ އަމަލުތައް ﷲ ގެ ހަޒުރަތުގައި ގަބޫލު ކުރެއްވުމުގެ ސަބަބެކެވެ. (މާއިދާ: 27) ހަމަ މިއާއެކު، ތަޤުވާވެރިވުމުގެ ސަބަބުން، ޤިޔާމަތްދުވަހުގައި ކާފިރުންގެ މައްޗަށް ތަޤުވާވެރިޔާގެ ދަރަޖަ މަތިވެރިކުރައްވައެވެ. (ބަޤަރާ: 212) ތަޤުވާވެރިވުމުގެ ސަބަބުން، ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން ސަލާމަތް ކުރައްވައި މޮޅިވެރިކަމާއި ހިތާމައިން ސަލާމަތް ކުރައްވައެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ﷲ، ތަޤުވާވެރިވީ މީހުން އެއުރެންގެ ކާމިޔާބީއާއެކު ސަލާމަތް ކުރައްވާ ހުއްޓެވެ. އެއުރެންނަކަށް އެއްވެސް ކަހަލަ ނުބައިކަމެއް ނުޖެހޭނެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުވެއެވެ."(ޒުމަރު: 61)

އެބަޔަކަށްޓަކައި މަތިވެރިވެގެންވާ ސުވަރުގެ ތައްޔާރު ކުރައްވާފައިވާކަމަށް ޤުރުއާނުގައި އެންމެ ގިނައިން އަންގަވާފައިވާ އެއްބަޔަކީ ތަޤުވާވެރިންނެވެ. ޒުމަރު ސޫރަތުގެ 20 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އެހެނެއްކަމަކު، އެއުރެންގެ ވެރިރަސްކަލާނގެއަށް ތަޤުވާވެރިވީ މީހުންނަށް (ސުވަރުގޭގައި) ކޮޓަރިތަކެއް ވެއެވެ. އޭގެ މަތީގައިވެސް ބިނާކުރައްވާފައިވާ ކޮޓަރިތައްވެއެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ. އެކަމަށް ﷲ ވަނީ ވަޢުދުކުރައްވާފައެވެ. ﷲ ވަޢުދާ ޚިލާފުވެވޮޑިއެއް ނުގަންނަވަތެވެ." މުޙައްމަދު ސޫރަތުގެ 15 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "ތަޤުވާވެރީންނަށް ވަޢުދުކުރައްވާފައިވާ ސުވަރުގޭގެ މިސާލީ އެތާނގައި ތަޣައްޔަރުކަމެއްނުވާ، ސާފުފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ ހަޒުރަތުން ފާފަ ފުއްސެވުންހުއްޓެވެ."

ވީމާ، ރޯދަ މަސް އެމީހަކާ ބައްދަލުވެ އެމަސް ނިމިގެންދާއިރު، ތަޤުވާގެ މަތިވެރި ސިފަ ލިބިގަނެވޭތޯ ގަދައަޅައި މަސައްކަތްކުރަމާ ހިނގާށެވެ! ތަޤުވާވެރިންނަށް ދުނިޔެއާއި އާޚިރަތުގައި ހުރިކަމަށް އަންގަވާފައިވާ ނިއުމަތްތައް ލިބޭ ބަޔަކަށް ވޭތޯ ހިތްވަރު ކުރަމާ ހިނގާށެވެ! وَلَدَارُ الْآخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ الْمُتَّقِينَ (ނަޙްލު: 30) "އަދި އާޚިރަތުގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި ތަޤުވާވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ!"