01 Apr 2022, 22:37
ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ގެކޮޅަށް ރޭގައި ގަދަކަމުން ވަދެގަންނަން އުޅުނު މީހުންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށާއި އެއީ ކުރީއްސުރެ ރާވައިގެން ހިންގަން އުޅުނު ނުރައްކާތެރި އަމަލެއްކަމަށް ސްރީލަންކާގެ ފުލުހުން ވަނީ ބުނެފައެވެ.
ސްރީލަންކާގެ ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން ކޮލަމްބޯގެ މިރިހާނާ ސަރަހައްދުގައި ހުންނަ ރައީސް ގޮތަބަޔަގެ ގެކޮޅަށް ވަދެގަންނަން އެތައް ބަޔަކު މަސައްކަތްކުރީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ސަރުކާރާ ދެކޮޅަށް ޝުޢޫރު ފާޅުކުރުމަށް ދީފައިވާ ފުރުސަތުގެ ދަށަކުން ނޫނެވެ. ހަމަނެޖެހުން އުފައްދައި ރައީސްގެ ފުރާނައަށް ނުރައްކާކުރުމުގެ ހައްދު ފަހަނަޅާފައިވާ ރޭވުމެއްގެ ދަށުންނެވެ.
ފުލުހުން ބުނާގޮތުން އެއަމަލު ހިންގަން އުޅުނީ ދުރާލައި ރާވައިގެންނެވެ. ސިޔާސީ މަގްސަދެއްގައެވެ. ރޭ ކޮލަމްބޯގެ މިރިހާނާ ސަރަހައްދަށް ކުއްލި ގޮތަކަށް އެއްވި އެތައް ހާސް ބަޔަކު ރައީސް ގޮތަބަޔަގެ ގެކޮޅަށް ވަދެގަތުމުގެ ކުރިން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެކަން ހުއްޓުވައި އޭގެ ތެރެއިން 45އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. ނަމަވެސް އެއްވުން ރޫޅާލުމުގެ ކުރިން އެމީހުން ވަނީ ރައީސް ގޮތަބަޔަގެ އިސްތިއުފާއަށް ގޮވައި ފުލުހުންނާ ވަރުގަދައަށް ކުރިމަތިލާފައެވެ.
އެއްވި މީހުން މިރިހާނާ ސަރަހައްދުން ފައްސާލުމަށް ފުލުހުން ކަރުނަ ގޭހާއި ޕްރެޝަރު ފެން ޖެހިނަމަވެސް އެއްވާ މީހުން ކުއްލިއަަކަށް މައިތިރިއެއް ނުކުރެވުނެވެ. އެމީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެއްވުން ރޫޅާލެވުނީ އެތައް އިރެއް ފަހުންނެވެ. އެއްވުން ރޫޅާލުމަށްޓަކައި ފުލުހުން ބާރުގެ ބޭނުންކުރަން ފެށުމުން އެއްވެފައިވާ އެތައް ހާސްބަޔަކާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިނގައި ބައެއް މީހުންނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
އެއްވެފައިވާ މީހުންގެ އަދަދު 5،000އަށް ވުރެ އިތުރުވާނެ ކަމަށް މުރާސިލުން ބުނެއެވެ. ފުލުހުންނާއި އެއްވި މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންގެ ބަހެއްގައި ރޯކޮށް އަންދާލާފައިވެއެވެ. އެއްވި މީހުން ކޮލަމްބޯ އާއި ކެންޑީ ގުޅުވައިދޭ ހައިވޭވެސް ބަންދުކޮށް އެތެރޭގެ ދަތުރުފަތުރަށް ހުރަސްއެޅިއެވެ.
ރޭގެ ކުއްލި ހަމަނުޖެހުންތަކަށްފަހު ސްރީލަންކާގެ ސަރުކާރުންވަނީ ކޮލަމްބޯ ސިޓީގެ އުތުރާއި ދެކުނު އަދި ކޮލަމްބޯ މެދުތެރެއާއި ނުގޭގޮޑާ ސަރަހައްދާއި މައުންޓް ލެވީނިއާ ސަރަހައްދުގެ އިތުރުން ކެލަނިޔާ ޕޮލިސް ޑިވިޝަންގެ ތެރޭގައި ހިމެނޭ 61 ސަރަހައްދެއްގައި ކާފިއު (ބޭރަށް ނުކުމެއުޅުން މަނާކުރުން) އިޢުލާން ކޮށްފައެވެ. މިސަރަހައްދުތަކުގައި ކާފިއު އިއުލާންކޮށްފައިވަނީ ވަކި މުއްދަތެއް ނެތްގޮތަށެވެ.
ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނުކުމެ އެގައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފަށާފައި މިވަނީ އެގައުމަށް ކާބޯތަކެތީގެ ދަތިކަމާއި ފައިސާގެ އަގުވެއްޓުމުގެ ދަތިކަމާ އަދި ތެލާއި ގޭސް އަދި ކަރަންޓު ފަދަ އަސާސީ ތަކެތި ލިބުން ވެސް އިންތިހާއަށް ދަތިވުމުގެ ސަބަބުންނެވެ. ރައްޔިތުންގެ ގިނަ ބަޔަކު މިކަންކަމުގެ ޒިންމާ އަޅުވަނީ ސްރީލަންކާގެ ރައީސް ގޮތަބަޔަ ރަޖަޕަކްސަ އާއި އޭނާގެ ބޭބެ އަދި ބޮޑުވަަަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތަށިފުޅުގައެވެ. ދެން އެއާއިލާގެ ބޮލުގައެވެ. އަދި ކުރީ ސަރުކާރުގެ ބޮލުގައިވެސް މިކަމުގެ މަލާމާތް، ވަކި ފަރާތަކަށް ނުޖެހޭ ރައްޔިތުން އަޅުވައެވެ.
ސްރީލަންކާއަށް މިމައްސަލަތައް ކުރިމަތިވެފައިވަނީ ކޮވިޑް-19އާ ގުޅިގެން ސްރީލަންކާ ސަރުކާރުން ހަމައެކަނި ސިއްހަތާބެހޭ ދާއިރާގެ މީހުންގެ ބަސް އެކަނި އަހައިގެން އެގައުމުގެ ސަރަހައްދީ ރޮނގުތައް ދިގު މުއްދަތަކަށް ބަންދުކުރުމުގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިކަން މުޅިން ހުއްޓުމަކަށް އައުމާ ގުޅިގެންނެވެ. ސްރީލަންކާއަށް ލިބޭ ބޭރު ފައިސާގެ ގާތްގަނޑަކަށް 70 ޕަސެންޓަކީ ފަތުރުވެރިކަމެވެ.
މީގެ އިތުރުން މިދިޔަ އަހަރު ސްރީލަންކާއަށް ވާރޭވެހުން މަދުވެ ހަނަފަސްކަން އައުމާއެކު ކޯރުތަކުން ފެންމަދުވެ ޑޭމްތަކުގައި ރައްކާކުރާ ފެނުން ކަރަންޓް އުފައްދާ ނިޒާމު (ހައިޑްރޯ ޕަވާ) ވެސްވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. ސްރީލަންކާއަށް ބޭނުންވާ ކަރަންޓުގެ 40 ޕަސެންޓު އުފައްދަނީ ހައިޑްރޯޕަވާ ނުވަތަ ވާރޭވެހުމުން ކޯރުތަކަށް ލިބޭ ފެނުން ޑޭމްތައް ހަދައިގެން އެޑޭމްތަކުގައި ޓާބިންސް ބަހައްޓައިގެން އުފައްދާ ކަރަންޓުންނެވެ. ހައިޑްރޮ ޕަވާ ހުއްޓުނުއިރު ތެޔޮ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ބޭރުން ތެޔޮ އެތެރެކުރެވޭވަރުގެ ފައިސާގެ ރިޒާވްއެއް ސްރީލަންކާގައި ނެތެވެ.
ސްރީލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ މައްސަލަތައް އިތުރަށް ބޮޑުވެގެން ދިޔައީ އެގައުމުން ދަނޑުވެރިކަން ކުރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން ދިޔަ ކެމިކަލް ގަސްކާނާ އެތެރެކުރުން 2020 ވަނަ އަހަރު ކުއްލި ގޮތަކަށް އެއްކޮށް ހުއްޓާލައި އޮގަނިކް ގަސްކާނާއަށް އެއްކޮށް ބަރޯސާވާގޮތަށް ނިންމުމުންނެވެ. މިކަމުގެ ސަބަބުން ދަނޑުވެރިކަން ގާތްގަނޑަކަށް 50 ޕަސެންޓަށް ދަށަށް ދިޔައެވެ. މިހުރިހާ މައްސަލަތަކެއްވެސް ދިމާވީ އެއްވަގުތަކުއެވެ.
ކުއްލިގޮތަކަށް އޮގަނިކް ގަސްކާނާއަށް އެއްކޮށް ބަރޯސާވުމުގެ ސަބަބުން ދަނޑުވެރިކަން ގާތްގަނޑަކަށް 50 ޕަސެންޓަށް ދަށަށް ދިޔުމުން 2021 ވަނަ އަހަރު ވަނީ އަލުން ކެމިކަލް ގަސްކާނާ އެތެރެކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އޭރު ވަގުތުވަނީ ފާއިތުވެފައެވެ. ހީނަރުވެގެންދިޔަ ދަނޑުވެރިކަން ކުއްލި ގޮތަކަށް ރަނގަނޅުވާ ގޮތެއްނުވިއެވެ.
މިހުރިހާ ކަމަކީވެސް ސްރީލަންކާ ސަރުކާރަށް ކަންކަން މެނޭޖް ކުރަން ނޭންގުމުގެ ސަބަބުން ދިމާވި ކަންތައްތައް ކަމަށް ވަނީ ބެލެވިފައެވެ. ކޮވިޑްގެ ހާލަތުގައި ދެ އަހަރުވަންދެން ގައުމު ބަންދުކޮށްލުމާއި ކުއްލި ގޮތަކަށް ކެމިކަލް ގަސްކާނާ އެތެރެކުރުން އެއްކޮށް ހުއްޓާލައި އޮގަނިކް ގަސްކާނާއަށް މުޅިން ބަރޯސާވާގޮތަށް ނިންމުންފަދަ ކަންކަމަކީ އޭގެ ނަތީޖާއަށް ވިސްނާނުލައި ސްރީލަންކާ ސަރުކާރުން ހެދި ވަރަށް ބޮޑު ގޯސްތަކެއް ކަމަށް އެ އެގައުމުގެ ތަޖުރިބާކަރުން ވެސް އަދި ބޭރުގެ ފަރާތްތަކުން ވެސް ވަނީ ސިފަކޮށްފައެވެ.
އަނެއްކޮޅުން ސްރީލަންކާގެ ކުރީ ސަރުކާރުން ހެދި ގޯސްތަކަކީވެސް ސްރީލަންކާގެ މިހާރުގެ ސަރުކާރަށް ވާރުތަވި ބޮޑު ބުރައެކެވެ. ސްރީލަންކާގެ ކުރީގެ ސަރުކާރު އިންތިޚާބުގައި ބަލިވެ އެސަރުކާރުގެ ވެރިކަން ނިމުނުއިރު ކޮރަޕްޝަން އޮތީ ހައްދު ފަހަނަޅާފައެވެ. އަދި އިޤްތިޞާދީ ސިޔާސަތު އޮތީ ވާނުވާ ނޭގުމެއްގެ ތެރޭގައެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފައެވެ.
މީގެ އިތުރުން 2019 ވަނަ އަހަރުގެ އެޕްރީލްމަހު ސްރީލަންކާއަށް ކުރިމަތި އާދަޔާ ޚިލާފު ބޮމުގެ ހަމަލާތަކާ ގުޅިގެން އިނދަޖެހުނު ފަތުރުވެރިކަން މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައެވެ. މިހާލަތު ރަނގަނޅުކުރަން އުޅެނިކޮށް އެއަހަރުގެ ފަހުކޮޅު ކުރިމަތިވީ ކޮވިޑްގެ ބޮޑުވަބާއާއެވެ. އެއާއެކު 2020 ވަނަ އަހަރުގެ ކުރީކޮޅު ސަރަހައްދީ ރޮނގުތައް ބަންދުކޮށްލުމާއެކު ފަތުރުވެރިކަން އެއްކޮށް ހުއްޓުމަކަށް އައެވެ.
ސްރީލަންކާ ސަރުކާރުން ޑަބަލްކޮށް ހެދި މިގޯސްތަކާއެކު އިނދަޖެހިގެން ދިޔައީ އެގައުމުގެ މުޅި އިޤްތިޞާދެވެ. އިޤްތިޞާދު އިނޖެހުމުން އަލުން އިޤްތިޞާދު ނަގައި ކޮޅަށް ޖެހެމަށް އެގައުމުގެ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފެށިއެވެ. މީގެތެރޭގައި އިންޑިއާއާއި ޗައިނާއިން ބޮޑެތި ލޯނުތައް ނެގުމާއި އައިއެމްއެފްއިން ލޯން ނެގުމަށް މަސައްކަތް ކުރުން ހިމެނެއެވެ.
ނަމަވެސް ހާލަތަށް ބަދަލުނައިސް ދުވަހެއް ދުވަހަކަށް ލަންކާގެ ހާލަތު ދަނީ ގޯސް ވަމުންނެވެ. ކޮވިޑްގެ ދުވަސްވަރު އިންޑިއާއިން ވެސް އަދި ޗައިނާއިން ވެސް ސްރީލަންކާއަށް ބޮޑެތި އަދަދުތަކުން ހިލޭ އެހީތައް ވެސް ދިނެވެ. ދެތިން އަހަރަށް ގައުމެއް އެއްކޮށް ނެގެހެއްޓޭވަރުގެ ފައިސާއެއް އެއްވެސް ގައުމަކުން ނުދޭނެއެވެ.
މިހާރު ސްރީލަންކާގެ ހާލަތަކީ ލޯނަކަށްފަހު ލޯނެއް ނެގުމެވެ. ލޯންތައް އަދާކުރެވޭނެ ގޮތެއްވެސް ނެތެވެ. ލޯންތައް އަދާކުރުމަށްޓަކައި އަލުން ލޯންތައް ނެގުމުން މައްސަލަވަނީ އިތުރަށް ގޯހެވެ. ލޯންތައް ރީސްޓްރަކްޗާ ކުރުމާބެހޭގޮތުން ސްރީލަންކާ ސަރުކާރު ގެންދަނީ ޗައިނާއާ އަދި އިންޑިއާއާ ވެސް ވާހަކަ ދައްކަމުންނެވެ. ނަމަވެސް ސްރީލަންކާ ސަރުކާރުން ހެދި ގޯސްތަކާމެދު އެދެގައުމުވެސް ހިތްހަމައެއް ނުޖެހެއެވެ. ސްރީލަންކާއަށް އެންމެ ބޮޑަށް އެހީތެރިވާ ދެގައުމަކީ ޗައިނާއާއި އިންޑިއާއެވެ. އިންފްރާސްޓްރަކްޗާގެ ގިނަ މަޝްރޫއުތަކަށް ލޯންތައް ނަގާފައިވަނީ ޗައިނާއިންނެވެ.
މިހާރު ސްރީލަންކާގައި ދުވާލެއްގެ މައްޗަށް 13 ގަޑިއިރު ކަރަންޓް ކަނޑާލައެވެ. މިއާއެކު ބައެއް ހޮސްޕިޓަލްތަކުގައި އާންމު އޮޕަރޭޝަންތައް ކުރުންވެސް ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. ސްރީލަންކާއަށް ބޭނުންވާ ބޭރުފައިސާގެ ގާތްގަނޑަކަށް 70 ޕަސެންޓު ލިބެނީ ފަތުރުވެރިކަމުންނެވެ. ދެއަހަރަށްފަހު ސަރަހައްދީ ރޮނގުތައް އަލުން ހުޅުވާލި ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށްދަނީ ވަރަށް ދަށް ސްޕީޑެއްގައެވެ.