ރ. މަޑުއްވަރީއާއި ބ. ދަރަވަންދޫގެ ފެނުގެ ނިޒާމު، އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އިފްތިތާހުކޮށްދެއްވައިފިއެވެ.

މަޑުއްވަރީގެ ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރު ޝައުނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން 55 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު އެ ރަށުގައި މިހާރު ބަހައްޓައިފައިވާކަމަށެވެ.

މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 110 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާއިރު، މި ފެން ރައްކާކުރުމަށް 400 ޓަނުގެ ތާނގީއެއް ވަނީ ބަހައްޓައިފައެވެ. އަދި 8.6 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ގާއިމުކޮށްފައެވެ.

ދަރަވަންދޫ ފެނުގެ ނިޒާމް އިފްތިތާހް ކުރުމުގެ ތެރެއިން-- ފޮޓޯ/ މިނިސްޓްރީ

ހަމައެހެންމެ ފެންއުފެއްދުމަށް ކުރާ ޚަރަދުތައް ކުޑަކުރުމަށާއި، މަޑުއްވަރީގައި ހުރި ފެނުގެ ގުދުރަތީ ވަސީލަތްތައް އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭ ފެން ރައްކާކުރުމަށް އިތުރު 600 ޓަނުގެ ތާނގީއެއް ވެސް ވަނީ ބަހައްޓައިފައެވެ.

ދަރަވަންދޫގެ ފެނުގެ ނިޒާމު މިނިސްޓަރު ޝައުނާ އިފްތިތާހުކޮށްދެއްވީ އެ ރަށުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އެހީތެރިވެ، ދާއިރާއާ ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަޑުއްވަރީ ފެނުގެ ނިޒާމް އިފްތިތާހް ކުރުމުގެ ތެރެއިން-- ފޮޓޯ/ މިނިސްޓްރީ

ދަރަވަންދޫ ފެނުގެ ނިޒާމުގެ މަޝްރޫއުގެ ދަށުން 25 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާފައިވާއިރު، މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 50 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ވަނީ ލިބިފައެވެ. އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބަހައްޓައިފައިވާއިރު 11.2 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން ވާރޭ ފެން ރައްކާކުރުމަށް އިތުރު 600 ޓަނުގެ ތާނގީއެއް އެ ރަށުގައި ވެސް ވަނީ ބަހައްޓައިފައެވެ. މި މަޝްރޫއުގެ ތެރެއިން ފެނުގެ ޒަމާނީ ނިޒާމެއް ދަރަވަންދޫގައި ގާއިމްކޮށް 362 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައިފައެވެ.

މަޑުއްވަރީ ފެނުގެ ނިޒާމް އިފްތިތާހް ކުރުމުގެ ތެރެއިން-- ފޮޓޯ/ މިނިސްޓްރީ

ދަރަވަންދޫގެ ފެނުގެ މަޝްރޫއު ހިންގާފައި ވަނީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރާއި ޔޫއެންޑީޕީގެ އެހީތެރިކަމާއެކުގައެވެ.

މި ދެ ރަށުގެ ފެނުގެ ނިޒާމު ވެސް ހިންގުމަށް ހަމަޖެހިފައިވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެންނެވެ. މިގޮތުން ފެން އުފެއްދުމުގެ ޚަރަދު ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތަށް ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމުގެ ގޮތުން 25 ކިލޯވޮޓުގެ ސޯލާ ފެނަލް ދެ ރަށުގައި ވެސް ވަނީ ގާއިމުކޮށްފައެވެ. އެއާއެކު ހިންގުމުގެ ޚަރަދުން 30 ޕަސެންޓު ކުޑަކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ދެ ރަށުގެ ވެސް ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑުންނެވެ.