01 Apr 2022, 20:47
މި އަހަރުގެ ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން މާލޭގައި ހަދަން ނިންމި ވަގުތީ ދެ މާރުކޭޓުގެ ތެރެއިން އެއް މާރުކޭޓު ނުހަދާގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ ރޯދަމަހު މާލޭގައި ހަދަން ނިންމާފައިވާ ވަގުތީ ދެ މާރުކޭޓުގެ ތެރެއިން ރަސްފަންނު ޕާކިން ޒޯންގައި ހަދަން ރޭވި މާރުކޭޓު އެތަނުގައި ނުހަދާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އެ ބަދަލު ގެންނާން ނިންމި މައިގަނޑު ސަބަބަކީ އެ ސަރަހައްދުގައި ޕާކް ކުރުމަށް ދަތިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބޭތީ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"މި ބަދަލާއެކު ސިޓީ ކައުންސިލުން މި ވަގުތީ މާރުކޭޓު ހެދުމަށް އިތުރު ސަރަޙައްދެއް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން. އަދި މިވަގުތަށް އެކަށީގެންވާ ރަނގަޅު ސަރަހައްދެއް ހަމަ ނުޖެހިއްޖެ ނަމަ މާލޭގައި ރޯދައަށް ހަދަން ނިންމި ވަގުތީ ދެ މާރުކޭޓުގެ ބަދަލުގައި ހަދާނީ އެއް މާރުކޭޓް. އަދި މިއާއެކު ވިލިމާލޭގައި ވެސް އެއް ވަގުތީ މާރުކޭޓް ހެދުމަށް ވަނީ ހަމަޖެހިފަ،" ސިޓީ ކައުންސިލުން ބުންޏެވެ.
ރޯދައަށް ޚާއްޞަކޮށް މާލޭގައި ވަގުތީ މާރުކޭޓު ހަދަން ކުރިން ނިންމީ ރަސްފަންނު ޕާކިން ޒޯންގެ އިތުރުން ދަރުބާރުގެ ސަރަހައްދުގައެވެ.
ސިޓީ ކައުންސިލުން ބުނީ ރޯދައަށް ވަގުތީ މާރުކޭޓް އަޅަން ނިންމާފައިވަނީ ރޯދަމަހު ބާޒާރުމަތީގައި ތޮއްޖެހުން އިތުރުވެ، ކާބޯތަކެތި ގަތުމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސް ދިނުމަށް ކަމަށެވެ.
ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ސަބަބުން އެރަށުގެ ރައްޔިތުން މާލެ ނައިސް ވިލިމާލޭގައި ތިބެގެން ރޯދައަށް ބޭނުންވާ ކާބޯތަކެތި ގަތުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ރޯދަ މަހަށް ޚާއްޞަ ކޮށްގެން މާލޭގައި ނައިޓް މާކެޓެއް ބާއްވަން މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން އިޢުލާން ކުރިއެވެ. ނަމަވެސް ވަގުތު ނެތުމުގެ ސަބަބުން އެ މާކެޓް ވެސް ނުބާއްވަން ފަހުން ވަނީ ނިންމާފައެވެ.